މިއަހަރު ޖުމްލަ 18 އިވެންޓެއް ބާއްވަން ނިންމާ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކަލަންޑަރު އިއުލާންކޮށްފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ބައިނަލްއަޤްވާމީ ތިން މުބާރާތެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. މުބާރާތްތައް މާރޗް މަހުގައި ފަށާއިރު، ނޮވެމްބަރު މަހާއި ހަމަޔަށް މުބާރާތްތައް ވަނީ ތާވަލުކޮށްފައެވެ.
އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އިންޓަސްކޫލް މުބާރާތެވެ. މިއަހަރު ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކަކީ އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. ރާއްޖޭގައި ބާއްވާނީ އަންނަ މެއި މަހުގެ ކުރީކޮޅު އޮންނަ މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖެވެ.
މިއަހަރުގެ ލިނިން މޯލްޑިވްސް ޗެލެންޖް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގައެވެ. އެއަށްފަހު އޮގަސްޓް މަހު, މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް ބާއްވަން ވަނީ ރާވާފައެވެ. އައިއޯއައިޖީ މި އަހަރު އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް މަޑަގަސްކަރައިގައެވެ. އޭޝިއަން ގޭމްސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންޒޫގައެވެ.
އެންމެ ބޮޑު ތައްޔާރީތަކެއް ވާނެ މުބާރާތަކީ އައިއޯއައިޖީ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ދަނީ ދުރާލާ މި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ.
ރާއްޖޭގައި ބާއްވާ އެހެނިހެން މުބާރާތްތަކުގެ ތެރެއިން މިއަހަރުގެ ރަމަޟާން މަހުގައި ވެސް ހާއްސަ މުބާރާތްތަކެއް ބާއްވާނެއެވެ. އެގޮތުންވެޓްރަންސް މާސްޓާސް ކަޕާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށް ކުރިއަށްގެންދާ އެކްސްޕެޓްރިއެޓްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ކަލަންޑަރުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.