ކުޅިވަރު

އަމާޒަކީ ގިނަ މުބާރާތްތަކާއެކު ގިނަ ކާމިޔާބީތަކެއް ގައުމަށް ހޯދައިދިނުން: ކުޑަ އައްޔަ


މިދިޔަ އަހަރުގެ ކާމިޔާބީއާއެކު މިއަހަރުގެ އަމާޒަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ބައިވެރިވެ، ރާއްޖެއަށް ރީތި ނަން ހޯދައިދިނުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރުންގެ ތެރޭގައި ހިމެނޭ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބުނެފިއެވެ.

ޓީވީއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ކުޑަ އައްޔަ ބުނީ މިދިޔަ އަހަރަކީ އޭނާގެ ކެރިޔަރުގައި އެންމެ ކާމިޔާބު އެއް އަހަރު ކަމަށެވެ. ޚާއްސަކޮށް ދުނިޔޭގެ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވިއިރު، އެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ލިބުން އެއީ ބޮޑީބޯޑިންގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް ކުޑައައްޔަ ބުންޏެވެ.

ކުޑަ އައްޔަ ބުނީ މިދިޔަ އަހަރުގެ ކާމިޔާބީ މި އަހަރުވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއަހަރުގެ އެންމެ ބޮޑު އަމާޒަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ކާމިޔާބު ހޯދުން ކަމަށާއި، އެސޯސިއޭޝަނާއި ސަރުކާރުގެ އެހީތެރިކަމާއެކު އެކަން ކުރުމަށް ތައްޔާރަށްހުރި ކަމަށް ވެސް ކުޑައައްޔަ ބުންޏެވެ.

މޯލްޑިވްސް ޕްރޯގެ ކާމިޔާބީއާއެކު ކުޑައައްޔަ ވަނީ ދުނިޔޭގެ ޑްރޮޕް ނީ ރޭންކިންގެ ބާރަވަނައިގައި ހިމެނިފައެވެ.