ދުނިޔޭގެ ވިޔަފާރި

ޓެސްލާއިން ޗައިނާގައި ކާރުގެ އަގުތައް ހެޔޮކޮށްފި


ދުނިޔޭގެ އެންމެ ބޮޑު ކާރު މާކެޓް ކަމަށްވާ ޗައިނާގައި ކާރަށް އޮތް ޑިމާންޑު ދަށްވުމުގެ ސަބަބުން ތިން މަސް ނުވަނީސް ޗައިނާގައި ދެވަނަ ފަހަރަށް ކާރުގެ އަގު ޓެސްލާއިން ހެޔޮކޮށްފިއެވެ.

އެމެރިކާގެ އޮޓޯ އުފައްދާ ކުންފުނި ޓެސްލާއިން ވަނީ ޖަޕާނާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާގައި އެންމެ ގިނައިން ވިކިފައިވާ މޮޑެލް ވައި އަދި މޮޑެލް 3 އިލެކްޓްރިކް ވެހިކަލްތަކުގެ އަގުތައް ވެސް ހެޔޮކޮށްފައެވެ.

ޓެސްލާއިން އަގުތަކަށް ގެނައި މި ބަދަލަކީ މިދިޔަ އަހަރުގެ ޑެލިވަރީ އަމާޒުކުރި ވަރަށް ވުރެ ދަށްވުމުން ކުންފުންޏަށް ފަހަކަށް އައިސް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ކުންފުނީގެ ދުނިޔޭގެ އުފެއްދުންތެރިކަމާއި ޑެލިވަރީތައް ބެލެހެއްޓުމަށް ގެނައި އެންމެ ބޮޑު ބަދަލެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގެ ނިޔަލަށްވެސް އޯޑަރުތައް އިތުރުވުމުގެ ސަބަބުން ޓެސްލާއަށް ވަނީ އަގުތައް އެއްވަރެއްގައި ބަހައްޓައި މަތިވެސް ކުރެވިފައެވެ. ނަމަވެސް މިދިޔަ މަހު ޓެސްލާގެ ސީއީއޯ އީލޮން މަސްކް ވިދާޅުވީ އިންޓްރެސްޓް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އާ ކާރުތަކާއި ބޭނުންކޮށްފައިވާ ހުރިހާ ކާރެއްގެ އަގުތަކަށް އަސަރުކޮށްފައިވާ ކަމަށާއި ވޮލިއުމް ގްރޯތް ދެމެހެއްޓުމަށް ޓެސްލާއަށް އަގުތައް ހެޔޮ ކުރަން ޖެހިދާނެ ކަމަށެވެ.

ޗައިނާގައި އެންމެ ފަހުން އަގުތައް ހެޔޮކުރުމާއެކު އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ބޮޑު މާކެޓުގައި ޓެސްލާގެ އަގު ސެޕްޓެމްބަރު މަހުން ފެށިގެން %13 އާއި %24 އާއި ދެމެދުގެ ދަށްވުމެއް އައިސްފައިވާ ކަމަށް ރޮއިޓާސް ނޫހުގެ ހިސާބުތަކުން ދައްކައެވެ.
ޓެސްލާއިން ޗައިނާގައި މޮޑެލް 3 އަދި މޮޑެލް ވައިގެ ހުރިހާ ކާރެއްގެ އަގު 6% އާއި %13.5 އާއި ދެމެދުގެ އަގަކަށް ހެޔޮކޮށްފައިވާ ކަމަށް ރޮއިޓާސް ނޫހުގެ ވެބްސައިޓުގައިވެއެވެ. މޮޑެލް 3 ގެ ފެށޭ އަގު ވަނީ 265،900 ޔުއާން ނުވަތަ 38،661 އެމެރިކާ ޑޮލަރުން 229،900 ޔުއާން ނުވަތަ 33،427 އެމެރިކާ ޑޮލަރަށް ހެޔޮކޮށްފައެވެ.

ޗައިނާގައި އުފައްދާ ޓެސްލާގެ ކާރުތަކުގެ ޑެލިވަރީ ފަސް މަސް ދުވަހުގެ ތެރޭގައި އެންމެ ދަށް ވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. މިދިޔަ އަހަރު ބޮޑުކުރި ޓެސްލާގެ ޝަންހާއީ ކާރުޚާނާއިން ވެސް ޔޫރަޕަށް އުޅަނދުތައް އެކްސްޕޯޓް ކުރެއެވެ.

ރިސާޗް ގްރޫޕް ޖޭއޭޓޯ ޑައިނަމިކްސްގެ ސޭލްސް ޑޭޓާއިން ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ޓެސްލާގެ ވިޔަފާރި ވަނީ %93 އަށް އިތުރުވެފައެވެ. އަދި މިދިޔަ އަހަރު މޮޑެލް ވައި ވަނީ ދެވަނަ ފަހަރަށް އެންމެ ގިނައިން ވިއްކި ކާރު މޮޑެލް އަށް ވެފައެވެ.