ކުޅިވަރު

ޓީޓީ ރޭންކިން މުބާރާތުގެ އެއްވަނަ ދީމާ އާއި ޝައްފާނަށް


ޓޭބަލް ޓެނިހުގެ ޤައުމީ މުބާރާތަށްފަހު ބޭއްވި ރޭންކިން މުބާރާތުގެ އެއްވަނަ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފިއެވެ.

މި ދެ ކުޅުންތެރިން ވަނީ ނިމިދިޔަ ޤައުމީ މުބާރާތުގެ ސިންގަލްސް ބައިގައި ވާދަކޮށް ޗެމްޕިއަންކަން ވެސް ހޯދާފައެވެ. އަދި ރޭންކިން މުބާރާތުގައި ވެސް މި ދެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދީމާ ދަނީ 2018 ވަނަ އަހަރުން ފެށިގެން އެއްވަނައިގައި ފައިތިލަ ސާބިތުކުރަމުންނެވެ. ދީމާ ވަނީ ރޭންކިން މުބާރާތުގައި ކުޅުނު ތިން ބުރުގައި ވެސް ރަނގަޅު ވާދައެއްކޮށް، އެ ތިން ބުރުގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ޖުމްލަ 48 ޕޮއިންޓް ހޯދާފައެވެ.

ރޭންކިންގައި ދީމާ އާއި ޖެހިގެން ދެވަނައިގައި ހިމެނެނީ އައިޝަތު ރަފާ ނާޒިމެވެ. އެއީ ޖުމްލަ 45 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި 40 ޕޮއިންޓާއެކު ފާތިމަތު ޖުމާނާ ނިމާލް އޮތްއިރު، 38 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ މިޝްކާ މުހައްމަދު އިބްރާހީމެވެ. އަދި ފަސްވަނައިގައި 36 ޕޮއިންޓާއެކު އޮތީ އާމިނަތު ޝިއުރާ ޝަރީފެވެ.

މިފަހަރުގެ ރޭންކިން ބުރުގައި އަނިޔާގެ ސަބަބުން ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މޫސާ މުންސިފް މުހައްމަދު ވާދައެއް ނުކުރެއެވެ. ނަމަވެސް އޭނާ ވަނީ ނުވަ ކުޅުންތެރިން ވާދަކުރި ރޭންކިންގެ ނުވަ ވަނައިގައި ހިމެނިފައެވެ. ފިރިހެން ރޭންކިންގެ އެއްވަނަ ޝައްފާން ހޯދީ 48 ޕޮއިންޓާއެކު އެވެ. ދެވަނަ މަޤާމު ޒީސްތު ނަސީމަށް ލިބެނީ 45 ޕޮއިންޓާއެކު އެވެ. ތިންވަނަ އެތްލީޓަކަށް ހޮވުނީ އަޚްޔާރު އަހުމަދެވެ. އެއީ ޖުމްލަ 42 ޕޮއިންޓާއެކު އެވެ. ހަތަރުވަނަ ކުޅުންތެރިއަކަށް 38 ޕޮއިންޓު ހޯދި އަހުމަދު ތާބިން ޝުޖާއު އޮތްއިރު ފަސްވަނަ ކުޅުންތެރިއަކީ ޒީކް ހަސަން ލަތީފެވެ. އޭނާ ވަނީ 36 ޕޮއިންޓް ހޯދާފައެވެ.

އެހެންކަމުން ރޭންކިންގެ ގަދަ ފަސް މަޤާމަށް ހޮވުނު އެތްލީޓުންނަށް ސަރުކާރުން ޤައުމީ ޓީމު ކުޅުންތެރިންނަށް ދޭ އިނާޔަތް ލިބިގެންދާނެއެވެ. މި ކުޅުންތެރިންނާއެކު އެސޯސިއޭޝަނުން އެންމެ ބޮޑު ތައްޔާރީއެއް ވާނީ ބައިނަލްއަޤްވާމީ މުބާރާތްތަކަށެވެ. އެގޮތުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ބައިވެރިވާނެ މުބާރާތް ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.