އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން އާސެނަލް ޖާގަހޯދައިފިއެވެ.
އާސެނަލް މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ރޭ އޮކްސްފަޑް ޔުނައިޓެޑާއި ބައްދަލުކުރި މެޗް 3-0 އިން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދީފައި ވަނީ މެޗްގެ 63 ވަނަ މިނެޓްގައި މުހަންމަދު އެލްނެނީއެވެ.
ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ އެޑީ އެންކެއިޓާއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހާދިނީވެސް އެންކެއިޓާއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ވަނީ އެންކެއިޓަގެ ކުޅުން ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނާތީ އެކަމަށް ތައުރީފް ކޮށްފައެވެ. އެންކެއިޓާ ވަނީ އޭނާ އެންމެފަހުން ކުޅުނު ހަ މެޗްގައި ފަސް ލަނޑު ޖަހާދީފައެވެ.
މިކާމިޔާބީއާއެކު އާސެނަލް މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދާފައިވާއިރު ހަތަރު ވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ސިޓީއާއެވެ.