ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ބޭލް ކުޅުން ހުއްޓާލިއިރު އޭނާއަކީ ވޭލްސް ޓީމަށް އެންމެ ގިނަ މެޗް ކުލެދީ އަދި އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި އޭނާވަނީ ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރެއްގެ މަތިން އުފުލާލާފައެވެ. އަދި ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ބޭލްއަކީ ވޭލްސްގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.
ބޭލް ހާމަކުރިގޮތުގައި އޭނާ ކްލަބް އަދި ބައިނަލްއަޤްވާމީ ފުޓްބޯޅައަށް އަލްވަދާއު ކިޔަން މިނިންމީ ވަރަށް ބޮޑަށް އެކަމާއި ވިސްނުމަށްފަހުއެވެ. އަދި މިފެންވަރުގައި އޭނާ އެންމެ ކުޅޭ ހިތްވާ ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ކާޑިފްއަށް އުފަން ބޭލް އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ސައުތެމްޕްޓަންއަށެވެ. އަދި އެއަށްފަހު ޓޮޓްނަމް ހޮޓްސްޕަރއަށް ކުޅުމަށްފަހު ދުނިޔޭގެ ރިކޯޑް ޓްރާންސްފަރއެއްގެ ދަށުން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ބަދަލުވިއެވެ. އަދި މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އެމެރިކާގެ މޭޖަރ ލިގު ސޮކަރގެ ލޮސް އެންޖެލިސް އެފްސީ އަށް ސޮއިކޮށްފައެވެ.
ވޭލްސް ޓީމަށް ބަލާލާއިރު އޭނާވަނީ 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯއަށް ވޭލްސް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ބޭއްވި ފީފާ ވާރލްޑް ކަޕަށް ވޭލްސް ކޮލިފައިކޮށްދިނުމުގައިވެސް ބޭލްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.