ޚަބަރު

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ މެދުތެރޭ ފަށަނީ


ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ މެދުތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިމަހުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށުމަށްޓަކައި ޚާއްސަ ހަފްލާއެއް ބޭއްވުމަށް ރާވާފައިވާކަމަށެވެ. ސަރުކާރުން ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބިޔަ އެއް މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ޑިޒައިން އަދި ސަރވޭގެ މަސައްކަތްތަކާއި، ސައިޓު ކްލިއަރެންސްގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެމުން ނުދެއެވެ. އެހެންކަމުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ. ސަރުކާރުން ލަފާކުރާގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި އެކު، ފުރަތަމަ އަހަރުތެރޭ އެއެއަރޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެއެވެ.