ކުޅިވަރު

އަރުތަ ޕްރޮގްރާމުގެ ދަށުން ދީމާއަށްވެސް ތަމްރީނު ހެދުމުގެ ފުރުސަތު


ރާއްޖޭގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީޥެސް ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅުންތެރިން ތަމްރީނުކުރުމަށް ހުޅުވާލާފައިވާ އަރުތަ ޕްރޮގްރާމްގައި ހިމަނައިފިއެވެ.

ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ދުނިޔޭގެ ލެވަލްގައި ދިވެހި ކުުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ "އަރުތަ" ޕްރޮގްރާމަށް މިހާތަނަށް ވަނީ ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗްވޮލީބޯޅަ ކުޅުންތެރިން ސޮއިކޮށްފަ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ރަސްމީކޮށް އަރުތަ ޕްރޮގްރާމް ލޯންޗު ކުރުމަށް ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު އަދިވެސް މި ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މި ޕްރޮގްރާމްގައި ގިނަ އެތުލީޓުންތަކެއް ބައިވެރިވެ، ސޮއިކޮށްފައިވެއެވެ.

ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ދީމާ މި ޕްރޮގްރާމްގައި ބައިވެރިވެ އެއްބަސްވުން ހެދީ 10 އަހަރަށެވެ. އެހެންކަމުން ދީމާގެ ޓްރެއިނިންގ ތަކަށް ސަރުކާރުން މި ޕްރޮގްރާމްގެ ދަށުން ޚަރަދުކުރާނެއެވެ.

ދީމާ މިހާރުވެސް އަންނަނީ އޮލިމްޕިކްސް ސްކޮލާޝިޕްގައި ހިމެނި، އެ ސްކޮލާޝިޕްގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.

ދީމާއަކީ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އެތުލީޓުންތަކުގެ ތެރެއިން އެންމެ ކާމިޔާބު އެތުލީޓެވެ. އެގޮތުން 2019 ވަނަ އަހަރު މޮރީޝިއަސްގައި ބޭއްވި އައިއޯއައިޖީ މުބާރާތުގައި ދީމާ ވަނީ ތިން ރަން މެޑަލް ހޯދާފައެވެ. އެއީ އަންހެން ޓީމު އިވެންޓުންނާއި، އަންހެން ޑަބަލްސް އަދި އަންހެން ސިންގަލް އިވެންޓުންނެވެ. މީގެ އިތުރުންވެސް ދީމާ އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުންނެވެ.