މިއަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތްވެސް ކުރިޔަށްދާނީ ކުރީ އަހަރުތަކުގައި ވެސް ބޭއްވި ފޯމެޓަށް ކަމަށާއި ނަމަވެސް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެއް މުބާރާތުގެ ހިންގުމަށް ގެނެސްފިއެވެ.
ޓީވީއެމްގެ ސާބަސް ޕްރޮގްރާމްގައި ވާހަކަދައްކަމުން މުބާރާތުގެ ފައުންޑަރ ރިލްވާން މޫސާ ވިދާޅުވީ މިި ބަދަލުތައް ގެންނަން ނިންމީ މުބާރާތުގެ ފޯރި ގަދަކޮށް، އަތޮޅު ގްރޫޕް ސްޓޭޖުގައި ޓީމުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި މިއަހަރުގެ މުބާރާތް ފޯރިގަދަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ޓާގެޓަކީ ރޯދަ މަހުގެ ކުރިން މުބާރާތް ނިންމާލުން ކަމަށެވެ. ނަމަވެސް އެއީ ބޮޑު ޗެލެންޖެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
މިއަހަރުގެ މުބާރާތަށް ގެންނަ އެންމެ ބޮޑު ބަދަލެއް ގޮތުގައި މިއަހަރު ގެންނަން ނިންމީ އެއް ގްރޫޕު ހިމެނޭ އަތޮޅެއް ނަމަ ލީގު އުސޫލުން ކުޅުމެވެ. އަދި އެ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.
ދެވަނަ ބަދަލެއްގެ ގޮތުގައި ގެންނަނީ ދެ ގްރޫޕް ހިމެނޭ އަތޮޅެއް ނަމަ ދެ ގްރޫޕުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު މެދުގައި ސެމީފައިނަލް ކުޅުމަށްފަހު ފައިނަލް ކުލޭ ގޮތަށް ނިންމި ނިންމުމެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ތިން ޓީމުގެ ގްރޫޕަކަށް ދިޔައިރު، އެންމެ ފަހުގެ ރަނަރަޕް، ކ. ގާފަރު ވާދަކުރާނީ ހަތަރު ޓީމު ހިމެނޭ ގްރޫޕެއްގައެވެ. ޖުމްލަ، 102 ޓީމު ވާދަކުރާ މި އަހަރުގެ މުބާރާތުގައި 200 އަށްވުރެ ގިނަ މެޗު ކުޅުމަށް ވަނީ ނިންމާފައެވެ.