އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލުން މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޔުނައިޓެޑް ޖާގަހޯދީ ރޭ ކުޅުނު ކްއާޓަރ ފައިނަލް މެޗްގައި ލީގް ވަންއަށް ނިސްބަތްވާ ޗާލްޓަން އެޓްލެޓިކް އާއި ބައްދަލުކުރި މެޗް 3-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ޔުނައިޓެޑަށް ލީޑު ނަގާދީފައިވަނީ އެންތަނީއެވެ. އަދި މި މެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ފަހު މިނެޓްގައި ޖަހާ ލީޑު ފުޅާކޮށްދިނީ މާކަސް ރަޝްފަޑްއެެވެ.
ފަހު ލަނޑު އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި ޖަހާދިނީވެސް ރަޝްފަޑްއެވެ. މިމެޗްގައި މީގެއިތުރުން ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔައިރު ޗާލްޓަންއިންވަނީ މިމެޗްގެ ފަހު މިނެޓާއި ޖެހެންދެން ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކާ ލަނޑުގެ ތަފާތު އެއްލަނޑުގައި ހިފަހައްޓާފައެވެ.
މި ކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ޔުނައިޓެޑް ޖާގަ ހޯދާފައިވާއިރު އެންމެފަހު ދެފަހަރު މިހިސާބަށް ދަތުރުކުރި ފަހަރުވެސް ކަޓާފައިވަނީ ވާދަވެރި މެންޗެސްޓަރ ސިޓީ އަތުން ބަލިވެގެންނެވެ.
ސެމީފައިނަލުން ނިއުކާސްލް ޖާގަހޯދީ ރޭ ކުޅުނު ކްއާޓަރ ފައިނަލް މެޗްގައި ލެސްޓަރ ސިޓީ އާއި ބައްދަލުކުރި މެޗް 2-0 އިން ކާމިޔާބު ކޮށްގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލް އިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މެޗްގައި ނިއުކާސަލް ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭން ބަރންއެވެ. މިއީ އޭނާ ނިއުކާސްލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި ދެވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ ޖޯލިންޓަންއެވެ. މީގެއިތުރުންވެސް މި މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުކާސްލްއަށް ލިބިގެންދިޔައެވެ. ހަމައެއާއެކު ލެސްޓާގެ ޖެމީ ވަރޑީއަށް ލަނޑު ޖަހާނެ ރަނގަޅު ދެފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ.
މި ކާމިޔާބީއާއެކު މުބާރާތުގެ ސެމީފައިނަލުން ނިއުކާސްލް ޖާގަ ހޯދާފައިވާއިރު އެޓީމުން ދަނީ 50 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެފަހުން ނިއުކާސަލް ފައިނަލަކާ ހަމައަށް ދެވިފައިވަނީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލަށެވެ.