ކުޅިވަރު

ގަދަ 16 ބުރުގައި ޕާމާ އަތުން އިންޓަ މިލާނަށް މޮޅެއް


އިޓާލިއަން ލީގު ކަޕުގެ ފަހު 16 ޓީމްގެ ބުރުގައި އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ޕާރމާ ބައްދަލުކުރި މެޗް އިންޓަރ ކާމިޔާބުކޮށްފިއެވެ.

އިންޓަރ މިލާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތު ކުޅެގެން 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ.

ނަމަވެސް އުމުރުން 44 އަހަރުގެ ޖިއާންލުއިޖީ ބޫފޯންގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ ޕާރމާއިން މި މެޗްގައިވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީވެސް ޕާރމާއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސްޓަންކޯ ޔުރިޗްއެވެ. މެޗްގައި އިންޓަރއިން ނަތީޖާ ހަމަހަމަކުރި ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އަދި މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ 110 ވަނަ މިނެޓްގައި ޖަހާދިނީ ފްރަންސެސްކޯ އަސޭބީއެވެ. މިމެޗްގައި ބޫފޯންވަނީ ނުރައްކާތެރިން ދެތިން ހަމަލާ ދިފާއުކޮށްފައެވެ.

ބޫފޯން އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް ކަމަށްވާ ޕާރމާއަށް ބަދަލުވެފައިވަނީ 2021 ވަނަ އަހަރު 20 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.