ކުޅިވަރު

އައިޓީއެފް އޭޝިއާ ކޮލިފައިންގެ ސެމީއަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ޕެއާ ދަތުރުކޮށްފި


ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގެ ސެމީފައިނަލަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ޑަބަލްސްގެ ޕެއާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ އަންހެން ޑަބަލްސްގެ ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އަންހެން ޕެއާ ކަމަށްވާ އިމާނީ މޫސާ ކަލީމް އާއި ނަބާ ނިޝާނެވެ. މި ޕެއާ ސެމީން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ބަންގްލަދޭޝްގެ އަޚްތަރު ސުމިޔާ އާއި ހުމައިރާ ހައިދަރު 6-4 އަދި 6-4 އިން ބަލިކޮށްގެންނެވެ. ސެމީފައިނަލުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ މިޔަންމާގެ އެންމެ ވަރުގަދަ ޔޫތު ޕެއާ އާއެވެ.

ފިރިހެން ޑަބަލްސްގެ ބައިން ސެމީފައިނަލަށް ދަތުރުކުރީ މުހައްމަދު ނޫހު ނާޒިހު އާއި އާދަމް އާލް ނިޔާޒުގެ ޕެއާއެވެ. މި ޓީމު ސެމީން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ކެމްބޯޑިއާގެ ލާ ޕްލަނޭޓާ އާއި ރަތާނަކްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މޮޅާއެކު ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕާކިސްތާނުގެ ހަމްޒާ ރޯމަން އާއި ތަލްހާ އަބޫބަކުރުގެ ޕެއާ އެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ގޮތުގައި މި މުބާރާތުން ރާއްޖެއަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެއެވެ. އެއީ ފަާއިތުވެދިޔަ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ހޯދާފައިވާ ނަތީޖާތަކަށް ބެލުމަށްފަހު އެވެ.

މުބާރާތް ކުރިޔަށްދަނީ މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 19 ގެ ނިޔަލަށެވެ. މި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ރާއްޖޭގެ އުއްމީދީ ޓެނިސް ތަރިންނެވެ. އެއީ ނަބާ ނިޝާން އާއި އިމާނީ މޫސާ ކަލީމްގެ އިތުރުން މުހައްމަދު ނޫހް ނާޒިހް އާއި އާދަމް އާލް ނިޔާޒެވެ. ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަނީ ކުމާރް އަދިކާރީއެވެ. އޭނާއަކީ އެސޯސިއޭޝަނުގެ ތެރެއިން މި ކުޅުންތެރިން ތަމްރީނުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކޯޗެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ބޫޓާން، ބްރޫނާއި، ކެމްބޯޑިއާ، ޗައިނާ، ޗައިނީސް ޓައިޕޭ، ޖަޕާން، ލާއޯސް، މަކާއު، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާންގެ އަދި ޓިމޯ ލެސްޓޭ އާއި ސިންގަޕޫރެވެ.