ފްރެންޗު ލީގުގައި ރޭ އެންޖާސް އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ފްރާންސް ލީގުގެ ފުލުގައި އޮތް އެންޖާސްއާ ދެކޮޅަށް ރޭ ޕީއެސްޖީން ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ވަނީ ހިމަނާފައެވެ. މިއީ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތައް ފަހު ފުރަތަމަ އެގާރާގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ. މީގެ އިތުރުން މި މެޗުގައި ސަސްޕެންޝަންގެ ސަބަބުން މިދިޔަ މެޗުގައި ނުފެނުނު އެ ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ ވަނީ ސަސްޕެންޝަނުން ސަލާމަތްވެ ކުޅެފައެވެ. އެކަމަކު މި މެޗުގައިވެސް ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއާ ޑިފެންޑަރު އަޝްރަފް ހަކީމީ ކުޅެފައެއް ނުވެއެވެ. މި ދެ ކުޅުންތެރިން އަންނަނީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ.
މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ހޫގޯ އެކިޓީކޭއެވެ. އަދި މެޗުގެ ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެސީއެވެ.
މި މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ޕީއެސްޖީއަށް ލީގުގައި ކުޅުނު 18 މެޗުން 47 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް ލެންސް އަށް 18 މެޗުން 41 ޕޮއިންޓް ވަނީ ލިބިފައެވެ.