ކުޅިވަރު

ސިޓީ ކަޓުވާލައި ސައުތެމްޓަން ސެމީއަށް


އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލްގައި މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު ސައުތެމްޓަން ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސިޓީން ކުރިއަށްޖެހި ސައުތެމްޓަން ގޯލަށް ނުރައްކާކުރި ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ސައުތެމްޓަންއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޭކޫ މާރާ އެވެ. މިއީ ސިޓީގެ މެދުތެރެއިން ހެދި ގޯހެއްގެ ފައިދާ ނަގައި ސައުތެމްޓަން ކުޅުންތެރިން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ސައުތެމްޓަންއިން ދިޔައީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށް ސިޓީގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާފުގެ މެދެއްހާ ހިސާބުން މޫސާ ޖެނޭފޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ކެވިން ޑި ބްރައިނާ އާއި ހުނަރުވެރި ފޯވާޑް ހާލަންޑް ކުޅެން އަރުވާފައެވެ. އެކަމަކު އެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މިއީ ދާދި ފަހުން، އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ލޫޓަން ޓައުންގެ ކޯޗުކަން ދޫކޮށް، ސައުތެމްޓަންއާ ހަވާލުވި ކޯޗު، ނޭތަން ޖޯންސް އަށް އެ ޓީމުގެ ސަޕޯޓަރުންގެ އިތުބާރު ހޯދަން ލިބުނު މުހިންމު މޮޅެކެވެ