ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަނުގެ ޓީމު ރަން ކާމިޔާބުކަމާއެކު ނިންމާލައިފި


ޖުމްލަ 400 އެއްހާ ބައިވެރިންނާއެކު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި "ސްޓެލްކޯ ފައިވް ކޭ ޓީމް ރަން 2023" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުން ކުރިޔަށްދިޔައީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މެންސް ، ވިމެންސް އަދި މިކްސް ކެޓަގަރީއެވެ. ފަސް މީހުންގެ ޓީމަކާއެކު ބައިވެރިވެވޭ ގޮތަށް ރޭވި މި ދުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދުވުމަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ވެސް ނައިބު ރައީސް އެވެ.

ފިރިހެން ކެޓަގަރީގެ އެއްވަނަ ޓީމު ކިޓް ހޮވުނުއިރު ދެވަނަ އަށޑް ދިޔައީ އެންއެސްއޭ އެލީޓްގެ އޭ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ހޮވުނީ ސާއިދު ސްޕޯޓްސް އެވެ. އަންހެން ކެޓަގަރީގެ އެއްވަނަ ކުއީންސް ހޯދިއިރު، ދެވަނަ ޓީމަކަށް ހޮވުނީ ސާއިދު ސްޕޯޓްސް އެވެ. އަދިި ތިންވަނަ ޓީމަކަށް ހޮވުނީ ފަސް ސްޓާ ޓީމެވެ.
މިކްސް ޑަބަލްސް ކެޓަގަރީގެ އެއްވަނަ އައިލޭންޑް ރަނާޒް މޯލްޑިވްސް ހޮވުނުއިރު، ދެވަނަ ޓީމަކަށް ހޮވުނީ މޭޑް ރަނާޒް އެވެ.

ދުވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ މި ދުވުން ކާމިޔާބުކަމާއެކު ބޭއްވުނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށެވެ. ހާއްސަކޮށް ސްޕޮންސަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށާއި މި ދުވުމުން އެ ކޯޕަރޭޝަނުގެ މަޤްސަދު ވަރަށް ރަނގަޅަށްވެސް ހާސިލްވި ކަމަށެވެ.

މި ދުވުމުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ. އެ ކޯޕަރޭޝަނުން ދަނީ ކުޅިވަރާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ދަނީ ތައްޔާރުވަމުންނެވެ.