ރާއްޖޭގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑު ބޭންކުން ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިޒަރ މިހެން ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ އެސްޕަޔަރ މަޝްރޫޢާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
ވޯރލް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި 5 މެގަވޮޓްގެ ސޯލާ ޙަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ދަށުން ހުޅުމާލޭގެ ބައެއް ޢިމާރާތްތަކުގެ ފުރާޅުގައާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ސޯލާ ޕެނަލް ހަރުކޮށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިމަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ތައިލެންޑުގެ އެންސިސް ކުންފުންޏެވެ.
މިމަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ބައެއް ހައުސިންގ ޔުނިޓުތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މިޕެނަލްތަކުން ހަކަތައިގެ މައި ގްރިޑަށް ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިހާރު ކުރިއަށްދަނީ މިމަޝްރޫޢުގެ ދަށުން ހައިވޭ ސަރަޙައްދުގެ މަގުގެ މެދުގައާއި އެމަގުގެ ގޮނޑުދޮށާއިވީ ފަޅިން އޮންނަ ސަރަޙައްދުގައި ސޯލާ ޕެނަލް ހަރުކުރުމަށް ޤާއިމުކުރަންޖެހޭ ސްޓްރަކްޗަރގެ މަސައްކަތްތެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވޯލްޑް ބޭންކް ބްލޮގްގައި ގެނެސްދީފައިވާ އާޓިކަލްއެއް ޓުވިޓަރގައި ހިއްސާކުރުމަށްފަހު ވޯލްޑު ބޭންކުން ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިޒަރ ވިދާޅުވީ 5 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢަށް ކުރިން ހީނުކުރާވަރުގެ ބޮޑު ޝައުގުވެރިކަމެއް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ލިބެމުންދާ ކަމަށާއި، ހަކަތައަށް ކުރާ ޚަރަދު 50 އިންސައްތައަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް ރައިޒަރ ވިދާޅުވިއެެވެ.
The @WorldBank's 5MW solar project has been a game changer for Maldives' energy transition journey, attracting unprecedented interest from international investors and reducing energy costs by 50% compared to diesel generated power: https://t.co/QjqVgkUc3d pic.twitter.com/xA0PLPK5G3
— Martin Raiser (@MartinRaiser) January 14, 2023
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ހަކަތައިގެ މިމަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި އަވިން ހަކަތަ އުފެއްދޭ އެންމެ ޕީކް 5 ގަޑިއިރު، އިރުގެ އަވިން ހަކަތަ އުފައްދާ، އަހަރަކު ގާތްގަނޑަކަށް 2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 3.8 މިލިއަން ޓަނުގެ ގޭސް މަދުކުރެވޭނެކަމަށްވެސް މިނިސްޓްރީއިން ލަފާކުރެއެވެ.
އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ-ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ހުޅުވާލި ފުރުޞަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމުގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ.
އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ ހުސްބިން ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ސްޓީލް ސްޓްރަކްޗަރ އެއް ޤާއިމުކޮށްފައެވެ. މި ސްޓްރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރަނީ މިއަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންނެވެ.
މިއީ މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ސޯލަރ ޕީވީ ނިޒާމް ޤާއިމްކުރާ މަޝްރޫޢެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި މަޝްރޫއުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް، ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.