ޕެރިހުގައި އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓުބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމާއި، އީރާނާއި މިޔަންމާގެ އިތުރުން ބަންގްލަދޭޝް އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.
ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެ ހިމެނުނުއިރު، މި ގްރޫޕްގެ މެޗުތައް ކުޅޭނެ ވަކި ސަރަހައްދެއް އޭއެފްސީން ނިންމާފައެއްނުވެއެވެ. އެކަމަކު ކޮލިފައިންގެ މެޗުތައް އަންނަ އޭޕްރީލް 3-11 އަށް ކުރިއަށްދާނެ ކަމަށް އޭއެފްސީން ހާމަކޮށްފައިވެއެވެ.
ކޮލިފައިންގައި ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ޓީމުން ނުކުންނަން ޖެހޭނީ މިޔަންމާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އީރާނާއި ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ސާފް ވިމެންސް މުބާރާތުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި ދެކޮޅަށެވެ.
މި ފަހަރުގެ ފޯމެޓަށް ބަލާއިރު، ފީފާ އަންހެން ފުޓުބޯޅައިގެ ރޭންކިންއަށް ބަލައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަސް ގައުމު ވަނީ އޮޓަމެޓިކުން ދެވަނަ ބުރަށް ކޮލިފައިވެފައެވެ. ފުރަތަމަ ބުރުގައި ހިމެނޭ ހަތް ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ދެ ވަނަ ބުރަށް ހޮވޭނެ އެވެ. ބާރަ ގައުމުގެ މެދުގައި ކުޅޭ ދެ ވަނަ ބުރުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމު ހޮވޭނީ ތިން ވަނަ ބުރަށެެވެ. ތިން ވަނަ ބުރުގައި ހިމެނޭ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ގައުމަކަށް 2024 ވަނަ އަހަރު ޕެރިިހުގައި ބާއްވާ އޮލިމްޕިކްސް އިން ފުރުސަތު ލިބިގެންދާނެއެވެ.