ކުޅިވަރު

ސާބާގެ ރައީސަކަށް ރާއްޖޭގެ އެޑަމް


ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ގެ ރައީސަކަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) އިންތިޚާބުވެއްޖެއެވެ.

ސާބާގެ ރައީސަކަށް އެޑަމް އިންތިޚާބުވެވަޑައިގަތީ ހޮނިހިރު ދުވަހު އިންޑިއާގައި ކުރިއަށްދިޔަ ސާބާ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ރާއްޖޭގެ އިތުރުން ބައިވެރިވީ، އިންޑިއާ، ނޭޕާލް، ސްރީލަންކާ އަދި ބަންގްލަދޭޝްއެވެ.

ސާބާގެ ރައީސަކަށް އެޑަމްގެ ނަން ހުށަހެޅީ ބަންގްލަދޭޝްއިންނެވެ. އެއާއެކު ކޮންގްރެސްގައި ބައިވެރިވި ހުރިހާ ގައުމަކުން ވަނީ އެޑަމްއަށް ތާއީދުކޮށްފައެވެ.


އެޑަމްގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރަށް ސާބާގެ ޖެނެރަލް ސެކެޓްރީއަކަށް އިންޑިއާގެ ޗަންދްރަމުކީ ޝަރުމާވެސް ވަނީ އިންތިޚާބުކޮށްފައެވެ.

2019 ވަނަ އަހަރު އެމްބީއޭގެ ރައީސްކަމަށް އެޑަމް އިންތިޚާބުވި ފަހުން ވަނީ ރާއްޖޭގެ ބާސްކެޓަށް ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ކޮވިޑްގެ ދަތި ހާލަތަށްފަހު މުބާރާތް އެންމެ ފުރަތަމަ ބޭއްވި އެސޯސިއޭޝަންތަކުގެ ތެރޭގައި ބާސްކެޓް ހިމެނެއެވެ.

މަގާމަށް އިންތިޚާބުވުމަށްފަހު އެޑަމް ވިދާޅުވީ، މިއީ ރާއްޖޭގެ ބާސްކެޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު އޮތްކަމުގެ ހެއްކެއް ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.

އެޑަމް ސާބާގެ ރައީސްކަމަށް އިންތިޚާބުވިއިރު، މިއަހަރަކީ ސާބާގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާ އަހަރެކެވެ.