ޚަބަރު

ދަރަވަންދޫ ރައްޔިތުންގެ އުދާސްތައް މާޒީއަށް: ގޮނޑުދޮށް ހިމާޔަތްކޮށްފި


ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ބ. ދަރަވަންދޫގެ ރައްޔިތުންގެ ވިޔަފާރި ފުޅާކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލުމެވެ. ރަށްގިރުމުގެ މައްސަލަ ވެފައިއޮތީ ރަށުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލެކަށެވެ.

ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ.

1200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑު ބަޔެއް ގިރައިގެންގޮސް ގޮނޑުދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.

މިމައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗައިންވަނީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިދިޔަ އަހަރުގެ މޭމަހު ފަށާ މިހާރު މިވަނީ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށްޓެއްވަނީ ލާފައެވެ. އަދި 96 މީޓަރުގެ ސަރަޙައްދެއްގައިވަނީ ރިވެޓްމެންޓްވެސް ޖަހާފައެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢަށް 22.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއްވަނީ ލިބިގެންގޮސްފައެވެ.