ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމަށް ފަށާފައިވާ "އަރުތަ" ޕްރޮގްރާމްގައި ޓޭބަލް ޓެނިސް ތަރި އާއިޝަތު ރަފާ ނާޒިމް ވެސް ރަސްމީކޮށް ހިމަނާ އެގްރިމެންޓުގައި ސޮއިކޮށްފިއެވެ.
ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ދުނިޔޭގެ ލެވަލްގައި ދިވެހި ކުުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ "އަރުތަ" ޕްރޮގްރާމަށް މިހާތަނަށް ވަނީ ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗްވޮލީބޯޅަ ކުޅުންތެރިން ސޮއިކޮށްފަ އެވެ.
މި ޕްރޮގްރާމްގައި ރަފާ ރަސްމީކޮށް ސޮއިކުރިއިރު، ރަފާ މިހާރުވެސް އަންނަނީ މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބޭރުން ތަމްރީނުތައް ހަދަމުންނެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ރަފާ ތަމްރީނުވެ، ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރަފާ ފާހަގަވެގެން އައީ 2016 ވަނަ އަހަރު ޓީޓީގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުއީނާ މުޙައްމަދު ބަލިކޮށް ގައުމީ ތަށި އުފުލާލި ހިސާބުންނެވެ. މުއީނާގެ 13 އަހަރު ޖެހިޖެހިގެން ގައުމީ މުބާރާތުގެ ރެކޯޑަށް ނިމުން ގެނައީ ރަފާއެވެ.
މީގެ އިތުރުން ރަފާ އަކީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭން ދެވަނައަށް އެންމެ ކާމިޔާބު ކުޅުންތެރިޔާވެސްމެއެވެ. ރަފާ ވަނީ 2019 ވަނަ އަހަރު މޮރީޝިއަސްގައި ބޭއްވި އައިއޯއައިޖީގައި ރާއްޖެއަށް ދެ ރަން މެޑައްޔާއި ރިހި މެޑައްޔެއް ހޯދައިދީފައެވެ.