ޚަބަރު

ތާރުއަޅަންޖެހޭ ބައި އިތުރުކޮށް ގައްދޫގެ މަގުތަކުގައި ތާރުއަޅަން ފަށައިފި


ގދ. ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ގައްދޫ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 6 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ގައްދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެންމެ ފުރަތަމަ ތާރުއަޅަން ފެށީ އެރަށު ވަތަބަނޑޭރި މަގުގައެވެ. ވަތަބަނޑޭރި މަގަކީ އެރަށު ވަށައިގެން އޮންނަ ބޮޑު މަގެވެ.

ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ މަގުތައް:

• ޝާރިއުލް އަމީން މަގު : 249 މީޓަރު
• ވައިލެޓް މަގު : 299 މީޓަރު
• އޯކިޑްމަގު : 394 މީޓަރު
• ހަނދުވަރީ މަގު : 396 މީޓަރު
• އަމީރު އަހުމަދު މަގު : 1261 މީޓަރު
• ވަތަބަނޑޭރި މަގު : 3483 މީޓަރު

އާރްޑީސީން ވިދާޅުވީ އެރަށު ޝާރިއުލް އަމީން މަގާއި ވައިލެޓް މަގުގެވެސް މަސައްކަތް ނިމި ތާރު އެޅުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ބާކީ ހުރި މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

ކުރިން ގައްދޫގެ 6082 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅަން ނިންމި ނަމަވެސް މިހާރު ވަނީ މިމަގުތަކުގެ ތެރެއިން 3 މަގެއްގައި ތާރުއަޅާ ސަރަޙައްދު އިތުރުކޮށް 6485 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ނިންމާފައެވެ. ތާރު އަޅާ ސަރަޙައްދު އިތުރުކޮށްފައިވަނީ ޝާރިއުލް އަމީން މަގާއި ވައިލެޓް މަގާއި ހަނދުވަރީ މަގުގައެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ރަށުގައި ފެން ބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެއެވެ. މަޝްރޫޢުގައި ހިމެނޭ ފެންހިންދާ ނިޒާމުގައި، ފެން ހިންދާ ޕަމްޕް ސްޓޭޝަންތައްވެސް ހިމަނާފައިވެއެވެ. މުޅި މިޕްރޮޖެކްޓް ނިމޭއިރު މަގު ބައްތި ޖެހުމާއި، މަގުތަކުގައި ބަންޕަރު ހަރުކުރުމާއި، ޓްރެފިކް ނިޝާންތައްވެސް ޖަހާނެއެވެ.

މި މަޝްރޫއަކީ ސަރުކާރުން 75 މިލިއަނަށްވުރެ ގިނަ ރުފިިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ބިމުގެ ބޮޑުމިނުގައި 50.2 ހެކްޓަރު ހުންނަ ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ރަށެވެ. އެރަށުގައި 3000 އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.