އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމަށް ބޭނުންވާ ސާމާނު މާލެ ގެނެސްފިއެވެ.
މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެތި މާލެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބިލަބޮންގް ސްކޫލާއި ހިސާބަށް ތާރު އެޅުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މާރޗްމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. އަދި މާޗް މަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެކަމަށް އާރްޑީސީން ވިދާޅުވެއެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްދާ އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.
މިމަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާއި އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ. މި ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިދިޔަ މަހުގައެވެ. އަދި މި ސެގްމަންޓްގެ މަސައްކަތްވެސް ނިންމާ މިހާރު ވަނީ ސެގްމަންޓް 3ގެ މަސައްކަތްވެސް ފަށާފައެވެ.
އާރް.ޑީ.ސީއިން ވިދާޅުވީ، މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށްކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުކަމަށް އާރްޑީސީން ވިދާޅުވެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ އަގު 84 މިލިއަން ރުފިޔާއަށް އަރައެވެ.
ޢަރުސި
މިމަގުގަ ތާރުއަޅާނިމުނީމަ މާލޭގަ ފެންބޮޑުވުން ރަގަޅުވާނެބާ