ޚަބަރު

އޮމަދޫއާއި ރަސްދޫ ބަނދަރު، ވާދޫ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއަށް


2 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށާއި ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އދ. އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އއ. ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރަށް ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ.

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް 72.3 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް 630 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގައި ހިމެނޭ ކަންކަން

* 49،765 ކިއުބިކް މީޓަރު އައު ބަނދަރު ފުން ކުރުން
* 12،105ކިއުބިކް މީޓަރުގެ ނެރު ފުން ކުރުން
* 398 މީޓަރު ބްރޭކްވޯޓަރ ޖެހުން
* 208 މީޓަރު ރިވެޓްމަންޓް ޖެހުން
* 346.10 މީޓަރު އެއްގަމު ތޮށި ޖެހުން
* 346.10 މީޓަރު ސްކޯރިންގ އެޕްރޮން ޖެހުން
* 87 މޫރިންގ ރިންގް ހަރުކުރުން
* 11 މޫރިންގ ބޮއި ހަރުކުރުން
* 90 އަކަ މީޓަރު ރޭންޕެއް ހެދުން
* އެކްސެސް ޕްލެޓް ފޯމެއް އެޅުން
* 150x2 ކޮންކްރީޓް ޖެޓީއެއް ހެދުން
* 2 ނެވިގޭޝަން ލައިޓް ހަރުކުރުން
* 19 މަގު ބައްތި ހަރުކުރުން
* 1،677.11 އަކަ މީޓަރު ޕޭވްމަންޓް ހެދުން

އއ. ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 86.8 މިލިޔަނަށް ރުފިޔާ ޚަރަދުވެއެވެ. މިމަސައްކަތް 1 އަހަރުދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އއ. ރަސްދޫ ބަނދަރު ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ:

* 104،000 ކިއުބިކް މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ރިކްލެމޭޝަން
* 64 މީޓަރު ބްރޭކްވޯޓަރ ޖެހުން
* 42 މީޓަރު ސަބްމާޖް ބްރޭކްވޯޓަރ ޖެހުން
* 1736 މީޓަރު ރިވެޓްމެންޓް ޖެހުން
* 224 މީޓަރު ގްރޮއިން ޖެހުން
* 97 މީޓަރު އެއްގަމު ތޮށިލުން
* 04 ނެވިގޭޝަން ލައިޓް ހަރުކުރުން
* 10 މަގު ބައްތި ހަރުކުރުން
* 450 އަކަ މީޓަރު ޕޭވްމަންޓް ހެދުން
* 43x2 މީޓަރު ކޮންކްރީޓް ބްރިޖް ހެދުން
* 20x2 މީޓަރު ކޮންކްރީޓް ބްރިޖް ހެދުން

މި މަޝްރޫޢުތަކުގެ އިތުރަށް ދެން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މިމަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަސައްކަތަށް 14.5 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ އިރު ދެކުނު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 55 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމުކުރުމުގެ އިތުރުން އެސަރަހައްދުގެ ގޮނޑުދޮށަށް ވެލިއެޅުން ހިމެނެއެވެ.