ޚަބަރު

މި ދަޢުރުގައި ފެށި މަޝްރޫޢުތަކުގެ %90ވުރެ ބޮޑުބައި ނިންމާނަން: ރައީސް


ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމަވާނީ މި ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ %90 އަށްވުރެ ބޮޑުބައި ނިންމަވާފައިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހދ.ކުރިނބީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކަށް އިސްކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރައްވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ ބޮޑެތި ރަށްރަށުގައިވެސް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ނިންމައި ހިދުމަތް ޚިދުމަތް ލިބެމުންދާނެކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުގެ މި ދަޢުރު ނިންމަވާނީ ރާއްޖޭގެ ތަރައްޤީއަށް ފަށްޓަވާފައިވާ މަޝްރޫޢުތަކުގެ %90އަށް ވުރެ ބޮޑުބައެއް ނިންމެވުމަށްފަހުކަމަށް ވިދާޅުވެފައެވެ.

"ކުދި ރަށްތައް ބާކީ ނުކޮށް ބޮޑެތި ރަށްތަކަށް ވެސް ހިދުމަތް ފޯރުކޮށްދެމުން މި ދަނީ. އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ހދ. ކުރިނބީގައި ހިނގާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެކަމަށެވެ. އަދި އެރަށުގެ ޖެޓީ ބޮޑު ކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި، އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިނބީގެ ތަރައްޤީއަށް އެކަނިވެސް މިދައުރުގައި 30 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، ކަރަންޓް ސަބްސީޑި ދިނުމަށް އެ ރަށުގެ ރައްޔިތުންނަށް 61 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ކުރިނބީގެ ތަރައްޤީއަށް ކުރެވޭ އަދަދު މިއަށްވުރެ އިތުރުވާނެކަމަށާއި، މިއީ މިއިން ޒަމާނަކު ކޮށްފައިނުވާ ބޮޑު އިންވެސްޓްމަންޓެއްކަމަށށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި އިންވެސްޓްމަންޓްގެ ނަތިޖާ ކުރިއަށްއޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދުން ފެންނަމުންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.