 
										
			އައު ޚިދުމަތްތަކާއެކު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ އައު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ. 
މީގެ މަޤްސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ޓެކުހާއި ގުޅޭ އިލްތިޒާމުތައް ފުރިހަމަ ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުންކަމަށް މީރާއިން ބުނެއެވެ. 
މީރާގެ އައު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލް އަދި މީރާގެ ބޯޑުގެ ޗެއަރޕަރސަން އަޙްމަދު ސަރުވަޝް އާދަމްއެވެ.
އަލަށް މި ލޯންޗްކުރެވުނު މީރާގެ އައު ވެބްސައިޓުން މީރާއަށް ހުށައަޅާ ހުރިހައި ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށައެޅޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. މީރާގެ އައު ވެބްސައިޓް "ލައިވް ޗެޓް" ފަންކްޝަންވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ޓެކުހާއި ގުޅޭ މުހިންމު މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންޓަރއެކްޓިވް ގައިޑްތައް މީރާއިން ވަނީ ހިމަނާފައެވެ. 
މީގެއިތުރުންވެސް މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ޓެކްސް ޤާނޫނުތަކާއި ޤަވައިދުތަކާއި، މީރާއިން ޝާއިއުކުރާ ތަފާސްހިސާބުތަކާއި އަދި އެނޫންވެސް މުހިންމު ޚަބަރުތަކާއި މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެގޮތަށްކަމަށް މީރާއިން ބުނެއެވެ.
		
 
										
			މީރާއިން އަލަށް ތައާރަފްކުރި މޯބައިލް އެޕްލިކޭޝަނުން ޓެކްސް ބަޔާން ހުށައަޅާ ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" އަދި މީރާއިން ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް "ވާރުޕޭ" ގެ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް މީރާއިން ބުނެއެވެ. 
މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމު ސުންގަޑިތައް ދެނެގަނެ ފޯނަށް ކަލަންޑަރ ރިމައިންޑަރ ލެވޭނެކަމަށް މީރާއިން ބުނެއެވެ. އަދި މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަގައި ކިޔު ތަރުތީބު އެޕުން ބަލާލެވޭނެއެވެ. 
މީގެއިތުރުން ޓެކުހާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މަޢުލޫމާތު ސެޝަންތައް ބޭއްވުމަށް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށައެޅޭނެއެވެ. މީރާގެ މޯބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރއިންނާއި އެޕަލްގެ އެޕް ސްޓޯރއިން ޑައުންލޯޑްކުރެވޭނެއެވެ.