ކުޅިވަރު

ސާފް ކުލަބު ޗެމްޕިއަންޝިޕް މި ފަހަރުވެސް ފެނަށް


ސާފް ކުލަބު ޗެމްޕިއަންޝިޕް މި އަހަރުވެސް ބޭއްވުމުގެ ފުރުސަތު ކުޑަ ކަމަށާއި، މިހާރު ބެލެވޭ ގޮތުން މުބާރާތް އޮންނަނީ އަންނަ އަހަރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސަރަހައްދީ ނޫސްތައް ބުނާ ގޮތުގައި އެ ފެޑެރޭޝަނުން މިހާރު ވިސްނަނީ އަންނަ އަހަރު މުބާރާތް ލޯންޗުކުރާށެވެ. މުބާރާތް މި އަހަރު ބާއްވަން އެއްބަސްވީ ބަންގްލަދޭޝް އިންނެވެ. އަންނަ އަހަރަށް ފަސްކުރިޔަސް އެ ފުރުސަތު އޮންނާނީ އެ ގައުމަށެވެ.

މި މުބާރާތް މިދިޔަ އަހަރު ބާއްވަން ވެސް މަޝްވަރާކުރި އެވެ. އެކަމަކު މިދިޔަ އަހަރަށް ނެރުނު ކަލަންޑަރުގައި އެ މުބާރާތް ނުހިމެނެ އެވެ. ދެން ބުނީ މި އަހަރު މުބާރާތް އޮންނާނެ ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ފުރަތަމަ މަސައްކަތް ކޮއްފަވަނީ 2011 ވަނަ އަހަރުއެވެ.

މި މުބާރާތް މި އަހަރު ނުބޭއްވާނެ ކަމަށް މީޑިޔާ ރިޕޯތަށް ބުނަން ފެށުމާއެކު 2018 އަހަރު ރާއްޖޭގެ ގައުމީޓީމު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމުގެ މެނޭޖަރ މުހަންމަދު އީސާ ވިދާޅުވީ މުބާރާތް ބޭއްވުމަށް ސަރަހައްދީ ގައުމުތަކުން ދައްކަމުން އަންނީ ހުވަފެންތަކެއް ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ކުރާތަނެއް މިހާތަނަށް ފެނިފަނުވާކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ތިން ގައުމު ކަމަށްވާ އިންޑިއާ، ރާއްޖެ އަދި ބަންގްލަދޭޝް އަށް މުބާރާތުގައި ދެ ކްލަބް ބައިވެރިކުރަން ފުރުސަތު ދޭނެ އެވެ. ބާކީ ގައުމުތަކަށް ފޮނުވޭނީ އެންމެ ކްލަބެކެވެ. ކުރިން އޮތް ގޮތުން ނަމަ އިންޑިއާ އިން ވާދަކުރާނީ އެންމެ ފަހުގެ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ހައިދަބަރުއާބާދު އެފްސީ އާއި ރަނަރަޕް ކެރެލާ ބްލާސްޓާސް އެވެ.

ރާއްޖޭން ވާދަކުރާނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ރެކްރިއޭޝަން ކްލަބާއި ރަނަރަޕް ކްލަބް އީގަލްސް އެވެ. ބަންގްލަދޭޝް އިން ފުރުސަތު ދޭނީ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި ޑާކާ އަބަހާނީ އަށެވެ. ނޭޕާލުން އޭ ޑިވިޝަން ލީގު ޗެމްޕިއަން މަޗިންދުރާ އެފްސީ ވާދަކުރާއިރު ޕާކިސްތާނުން ބައިވެރިވާނީ ވަޕްޑާ އެފްސީ އެވެ. ބޫޓާނުން ޕަރޯ އެފްސީ ވާދަކުރާއިރު ސްރީ ލަންކާ އިން ބައިވެރިކުރާނީ ބްލޫ ސްޓާ އެވެ.

އަންނަ އަހަރަށް މުބާރާތް ފަސްވުމުން، ބެލެވޭ ގޮތުގައި ދެން ޖާގަ ދޭނީ މި އަހަރުގެ ޗެމްޕިއަން ޓީމުތަކަށެވެ.