ކުޅިވަރު

ރިޔާދު އޯލް ސްޓާ އިލެވެން އަތުން ޕީއެސްޖީއަށް މޮޅެއް


ރިޔާދު އޯލް ސްޓާ އިލެވެންއާ ދެކޮޅަށް ކުޅުނު މެޗު ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

މިމެޗް ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 4 ލަނޑުންނެވެ.

މިމެޗް ބޮޑަށް ވެގެންދިޔައީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް ވާދަވެރިންގެ ގޮތުގައި މެޗެއްގައި ކުޅޭތަން ބަލާލަށް ގިނަ ބަޔަކަށް ލިބިގެންދިޔަ ފުރުސަތަކަށެވެ. އެގްޒިބިޝަން މެޗެއްގެގޮތުގައި ކުޅުނު މިމެޗަކީ ބެލެވޭގޮތުގައި މިދެކުޅުންތެރިން އެއް ދަނޑެއްގެ މަތިން މިގޮތަށް ފެނިގެންދާނެ އެންމެ ފަހު ފަހަރު ކަމަށް ވުން ވަރަށް ގާތްކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޕީއެސްޖީއަށް މެސީ ކާމިޔާބުކޮށްދިން އިރު ރޮނާލްޑޯ ވަނީ މިމެޗްގައި ސައުދީ ޓީމްގެ ކެޕްޓަންގެ ހައިސިއްޔަތުން ކުޅެ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ސައުދީ އަރަބިއާގެ އަލް ނަސްރުއަށް ބަދަލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި ޕީއެސްޖީގެ ލަނޑުތައް ޖަހާދީފައިވަނީ މެސީގެ އިތުރުން ސަރޖިއޯ ރާމޯސް، މާކީނިއޯސް، ކިލިއަން އެމްބާޕޭ އަދި ހޫގޯ އެކިޓިކޭއެެވެ.


މިމެޗްގައި ސައުދީ ޓީމަށް ދެން ލަނޑު ޖަހާދީފައިވަނީ ޖާންގ ހިޔުން ސޫ އާއި އެންޑަރސަން ޓަލިސްކާއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީގެ ހުއާން ބަރނާޓް އަށް ދެއްކި ރަތް ކާޑާއެކު މެޗްގެ ބޮޑު ބައެއް ޕީއެސްޖީއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. މީގެ އިތުރުން މިމެޗްގައި ނޭމާ އަތުންވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ.