ކުޅިވަރު

ސިޓީން ފަހަތުން އަރައި ޓޮޓްނަމް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރައި ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިމެޓަށް ވެފައިވަނިކޮށް ޖަހާ ލީޑު ނަގާފައިވަނީ ސްޕަރސްއިންނެވެ. މިލަނޑަކީ ސިޓީގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޑެޔާން ކުލުސެވްސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސްޕަރސްގެ އެމަރސަން ރޮޔާލް ޖަހާދިން ލަނޑާއެކު ސްޕަރސްއިން މިމެޗްގައި ދެލަނޑުގެ ލީޑެއް ނެގިއެވެ. މިމެޗްގެ ދެވަނަ ހާފަށް ސިޓީއިން ނިކުތީ ކުރިއަށް ވުރެ ފޯރީގައި މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. މިގޮތުން މެޗްގެ 51 ވަނަ މިނެޓްގައި މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިއެވެ. އަދި އޭގެ ދެމިނެޓްފަހުން ސިޓީއިން މިމެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އަރލިންގ ހާލަންޑް ކާމިޔާބުކޮށްދިނެވެ. މިމެޗްގައި ސިޓީއިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗްގެ 63 ވަނަ މިނެޓްގައި ރިޔާދް މަހްރެއިޒް ނަހާދިން ލަނޑުންނެވެ. އަދި މެޗްގެ ފަހު މިނެޓްގައި ސިޓީގެ ފަހު ލަނޑު ޖަހާދިނީވެސް މަހްރެއިޒްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ސިޓީ އިން މިވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް އެއީ އާސެނަލްއަށް ވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ. މިމެޗުން ބަލިވުމުން ސްޕަރސް މިހާރު އުޅެނީ 20 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.