އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ލެއާންޑްރޯ ޓްރޮސާޑް އާސެނަލަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ބްރައިޓަންއިން ޓްރޮސާޑް ދޫކޮށްލުމަށް އެއްބަސްވެފައިވަނީ 21 މިލިއަން ޕައުންޑްގެ އިތުރުން ބައެއް އެހެން ކަންކަމާގުޅޭ އިތުރު އިނާޔަތްތަކަކާއެކުއެވެ.
ޓްރޮސާޑްގެ އެޖެންޓް ވަރަށް ފަހުން ހާމަކުރިގޮތުގައި އުމުރުން 28 އަހަރުގެ ޓްރޮސާޑް ބޭނުންވަނީ މިހާރު ބްރައިޓަން ދޫކޮށް ދާން ކަމަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވީ ޓީމް އާ ކޯޗް ރޮބަރޓޯ ޑި ޒެރބީ އާއި އެކު ގުޅުން މާރަނގަޅު ނުވުމުންކަމަށްވެއެވެ.
ލީގުގެ އެއްވަނައިގާ މިހާރު ހަމަޖެހިލާފައިވާ އާސެނަލްއިން ޓްރޮސާޑް ހޯދުމަށް މަސައްކަތް ފަށާފައިވަނީ އެޓީމުން ހޯދުމަށް މަސައްކަތް ކުރި ޔޫކްރެއިންގެ ކުޅުންތެރިޔާ މިހައިލޯ މުޑްރިކް ޗެލްސީއަށް އެންމެފަހު ވަގުތު ސޮއިކުރުމުންނެވެ. ޓްރޮސާޑްވަނީ މިސީޒަންގައި ބްރައިޓަންއަށް ކުޅެދިން 16 މެޗްގައި 7 ލަނޑު ޖަހާދީ ތިން ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.
ޓްރޮސާޑްވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިވަޕޫލާއި ދެކޮޅަށް ކުޅެ ތިންލަނޑު ތިންލަނޑުން އެއްވަރު ވި މެޗްގައި ހެޓްރިކް ހަދާފައެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު ލިވަޕޫލާއި ކުޅެ 3 ލަނޑު ސުންލަނޑުން މޮޅުވި މެޗްގައި އޭނާ ހިމަނާފައެއް ނުވެއެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ފަރިތަކުރުން ނުނިމެނީސް ހުއްދަ ނެތި ދިއުމާއި ގުޅިގެންނެވެ.