އިޓާލިއަން ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޔުވެންޓަސްއިން ކުޅުންތެރިންގެ ބައެއް ޓްރާންސްފާތަކުގައި އޮޅުވާލައި މަކަރު ހަދާފައިވާތީ އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން އެ ޓީމުގެ 15 ޕޮއިންޓް ކަނޑާލައިފިއެވެ.
ބުނެވޭގޮތުގައި ޔޫވެންޓަސްއިންވަނީ ބައެއް ކުޅުންތެރިންގެ ޓްރާންސްފަރތަކުގައި ކްލަބަށް ފައިދާވާނެގޮތަށް ބެލެންސް ޝީޓްތަކަށް ބަދަލުގެނެސްފައެވެ.
ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ތިންވަނައިގައެވެ. ނަމަވެސް މި އަދަބާއެކު އެޓީމް 10 ވަނައަށް ވެއްޓިގެންދާނެއެވެ. އަދި އެ ކްލަބްގެ ބޯޑް އޮފް ޑިރެކްޓަރުންވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާވެސް ދީފައެވެ. މީގެތެރޭގައި ކްލަބްގެ ރައީސް އަންޑްރިއާ އަގްނެއްލީ އާއި ނާއިބް ރައީސް ޕަވެލް ނެޑްވެޑްވެސް ހިމެނެއެވެ.
ނަމަވެސް ޔުވެންޓަސްއިން ވަނީ އެކްލަބުން އެއްވެސް ކަމެއް ގޯސްކޮށް ނުކުރާކަމަށް ބުނެފައެވެ. އަދި ފެޑެރޭޝަންގެ މިނިންމުމާއި ދެކޮޅަށް އެޕީލް ކުރާނެކަމަށްވެސް އެކްލަބުން ހާމަކުރެއެވެ. ޔޫވެންޓަސްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި މިނިންމުން ނިންމި ސަބަބުތަކުގެ ތަފްސީލަށް މަޑުކުރަމުންދާ ކަމަށާއި ނަމަވެސް އެއަށް މަޑު ކުރާއިރުވެސް ސްޕޯޓް ގެރެންޓީ ބޯޑް އޮފް ދި އިޓާލިއަން އޮލިމްޕިކް ކޮމެޓީއަށް އެޕީލް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިމައްސަލަ ބެލި ޕްރޮސެކިއުޓަރުން މައްސަލަ ބެލުމަށްފަހު އެފަރާތުން އެދިފައިވަނީ 9 ޕޮއިންޓް ކަނޑާލުމަށެވެ. ނަމަވެސް ފެޑެރޭޝަނުން ދީފާ މިވަނީ އެއަށްވުރެ ހަރުކަށި އަދަބެކެވެ. މިއަދަބުގެ ތެރޭގައި ޔުވެންޓަސްގެ ކުރީގެ ސްޕޯޓަސް ޑިރެކްޓަރ އަދި މިހާރު ޓޮޓްނަމް ހޮޓްސްޕަރގެ ޑިރެކްޓަރ އޮފް ފުޓްބޯލްގެ މަގާމް އަދާކުރަމުންދާ ފަބިއޯ ޕަރަޓީޗީވަނީ 30 މަހަށް ބޭން ކޮށްފައެވެ. އަދި އަގްނެއްލީ އާއި ކުރީގެ ޗީފް އެގްޒެކެޓިވް މައުރީިޒިއޯ އަރިވަބޭނޭ ވަނީ ދެ އަހަރަށް ބޭން ކޮށްފައެވެ.