އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އައި ޑެނީ އިންގްސް ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ވެސްޓް ހޭމްއިން އިންގްސް ގެންގޮސްފައިވަނީ 15 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ވެސްޓް ހޭމްއިން ވިލާއަށް އެންމެ ފުރަތަމަ ދައްކާނީ 12 މިލިއަން ޕައުންޑް ކަމަށްވެއެވެ. އަދި ބާކީ ތިން މިލިއަން ދައްކާނީ މިސީޒަންގައި ވެސްޓް ހޭމް އިންގްލިޝް ޕްރިމިއަރ ލީގުން ރެލިގޭޓް ނުވެއްޖެކަމަށްވާނަމައެވެ. ވެސްޓް ހޭމްއިން ހާމަކުރިގޮތުގައި އެކްލަބުންވަނީ އިންގްސްގެ ލިޔެކިޔުންތައް ޕްރިމިއަރ ލީގަށް ހުށަހަޅާފައިކަމަށާއި މިއަދު އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗްގައި އޭނާއަށް ބައިވެރިވެވޭނެކަމަށް އުންމީދު ކުރާކަމަށެވެ. މިއެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުގެ ނިޔަލަށް އިންގްސް ވެސްޓް ހޭމްގައި ހުންނާނެއެވެ. އޭނާ ވެސްޓް ހޭމްއަށް ބަދަލުވެފައިމިވަނީ ވިލާއަށް 25 މިލިއަން ޕައުންޑްގެ އަގަކަށް ވިލާއަށް ބަދަލުވިތާ 18 މަސް ފަހުންނެވެ.
ވެސްޓް ހޭމްއިން އިންގްސް ގެއްގޮސްފައިމިވަނީ އެޓީމްގެ ފޯވަޑް ޖިއާންލޫކާ ސްކަމަކާއަށް ލިބިފައިވި އަނިޔާ އަކާއި ގުޅިގެން އޭނާ ދުވަސް ކޮޅަކަށް ކުޅުމާއި ދުރައް ދާން ޖެހިފައިވާކަން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. އިންގްސް ހާމަކުރިގޮތުގައި ވެސްޓް ހޭމް އާއި ގުޅުމުގެ ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ޓީމަށް ހޭނި ދަނޑު މަތީގާ ރަނގަޅު ކުޅުމެއް ދައްކާ ގިނަ ލަނޑު ތަކެއް ޖަހާ ޓީމަށް އެހީތެރިވެދޭން ބޭނުންކަމަށް އޭނާ ހާމަކުރިއެވެ.