ކުޅިވަރު

ބާސެލޯނާ ދޫކޮށް ޑެޕާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް


ސްޕެނިޝް ލީގުގެ ބާސެލޯނާއަށް ކުޅެމުން އައި ނެދަލަންޑްސްގެ ފޯވާޑް މެންފިސް ޑެޕާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އެޓްލެޓިކޯއިން ޑެޕާއި އެޓީމަށް ގެންގޮސްފައިވަނީ ތިން މިލިއަން ޔޫރޯގެ އަގަކަށެވެ.

އުމުރުން 28 އަހަރުގެ ޑެޕާއި އެޓްލެޓިކޯއަށް ސޮއިކޮށްފައިވަނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޑެޕާއި ބާރސާ އާއެކު ހަދާފައިވާ އެއްބަސްވުން މިފަހަރުގެ ސީޒަނާއެކު ހަމަވާނެއެވެ. ބާރސާއިން ހާމަކުރިގޮތުގައި މިއެއްބަސްވުމުގެ ދަށުން މިއަންނަ ސީޒަނަށް އެޓްލެޓިކޯގެ ޔަނިކް ކަރެސްކޯ ބާރސާއަށް ގެންދެވޭނެ ފުރުސަތުވަނީ ހުޅުވިފައެވެ.

ނެދަލަންޑްސްގެ ފޯވަޑް މިސީޒަންގައި ބާރސާއަށް ކުޅެފައިވަނީ އެންމެ ހަތަރު މެޗްގައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އަނޔާގެ މައްސަލަތަކެވެ. ޑެޕާއި ބާރސާއަށް ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރު ފްރެންޗް ލީގް އާންގެ އޮލިމްޕިކް ލިއޯންއިން ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

އެޓްލެޓިކޯއިންވަނީ އެޓީމްގެ ފޯވަޑް ޕޯޗުގަލްގެ ޖާއޮ ފީލިކްސް ޗެލްސީއަށް ލޯން އެއްބަސްވުމެއްގެދަށުން ދޫކޮށްލާފައެވެ.