ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ހަތަރުވަނަ ބުރުން ސިޓްސިޕާސް ޖާގަ ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރު ވަނަ ބުރުން ތިންވަނައަށް ސީޑް ކުރެވިފައިވާ ސިޓްސިޕާސް ޖާގަހޯދީ ތިންވަނަ ބުރުގައި ނެދަލަންޑްސްގެ ޓަލޯން ގްރިއެކްސްޕޯ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތައް ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނީ ހައެއް ދެއެއް، ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ. އޭނާ ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނީ ޔަނިކް ސިނަރ އާއެވެ. ސިޓްސިޕާސްއަކީ މިހާރު މިމުބާރާތުގައި އެންމެ މަތިން ސީޑް ކުރެވިފައިވާ ކުޅުންތެރިޔާއެވެ. އެއީ އެއްވަނައަށް ސިޑް ކުރެވިފައިވި ރަފައެލް ނަޑާލް އާއި ދެވަނައަށް ސީޑް ކުރެވިފައިވާ ކެސްޕަރ ރުޑް މުބާރާތުން ކަޓާފައިވާތީއެވެ. 15 ވަނައަށް ސީޑް ކުރެވިފައވާ ސިނަރ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ހަންގޭރީގެ މާޓަން ފުކްސޯވިޗް އާއި ބައްދަލުކުރިމެޗް ފަހަތުން އަރާ ތިން ސެޓް ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތަރެއް ހައެއް، ހަތަރެއް ހައެއް، ހައެއް އެކެއް، ހައެއް ދެއެއް އަދި ހައެއް ސުމަކުން ކާމިޔާބުކޮށްގެންނެވެ. މިއީ ސިނަރ މެޗެއްގެ ފުރަތަމަ ދެސެޓް ގެއްލިފައިވަނިކޮށް ފަހަތުން އަރާ މެޗް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިމުބާރާތުގައި ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި އެމެރިކާގެ ސެބަސްޓިއަން ކޯޑާ ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކޯޑާއެވެ. މިމެޗްގެ ސެޓްތައް ކޯޑާ ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއް، ހައެއް ތިނެއް އަދި ހަތެއް ހަޔަކުންނެވެ. މެޑްވެޑޭވްވަނީ މީގެ ކުރީ ދެމުބާރާތުގައިވެސް ފައިނަލްގައި އެއްކޮޅުން ވާދަކޮށްފައެވެ. މެޗަށްފަހު މެޑްވެޑޭވް ހާމަކުރިގޮތުގައި މިއީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި މިމެޗްގައި ކޯޑާ އޭނާއަށް ވުރެ މޮޅަށް ކުޅެފައިވާކަމަށެވެ.