ކުޅިވަރު

ހާފް މެރަތަންގެ ގައުމީ ރިކޯޑު ޝަމްހާ އަނެއްކާވެސް މުގުރާލައިފި


ހާފް މެރަތަންގެ ގައުމީ ރިކޯޑު ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ޝަމްހާ އަޙްމަދު އަނެއްކާވެސް މުގުރާލައިފިއެވެ.

މީގެ ހަތަރު މަސްކުރިން ޝަމްހާ މި ރިކޯޑު މުގުރާލާފައިވަނީ ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް 1 ގަޑިއިރާ 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭރު ހާފް މެރަތަންގެ ރެކޯޑު އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައެވެ.

އޭގެ ފަހުން ހުކުރު ދުވަހު ކުރިއަށްދިޔަ ބަންގުބަންދު މެރަތަންގައި ވާދަކޮށް، ޝަމްހާ ރިކޯޑު އާކުރީ 1 ގަޑިއިރާއި 26 މިނެޓާއި 41 ސިކުތުން ރޭސް ނިންމައިގެންނެވެ.

ބަންގުބަންދު މެރަތަންގައި ޝަމްހާ އަނެއްކާވެސް ހާފް މެރަތަންގެ ރިކޯޑު މުގުރާލިއިރު، މި ފަހަރު އޭނާ ވާދަކުރަނީ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެންނެވެ. މިއީ އިންޑިއާގެ ޝިލޯން އަދި ގުވަހާޓީގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފަހުން، ޝަމްހާ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ވާދަކުރި ފުރަތަމަ ފަހަރެވެ.

ގާތް ގާތުގައި ޝަމްހާ ހާފް މެރަތަންގެ ދެ ރިކޯޑެއް ހެދިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ޖަރުމަނުގައި ކުރިއަށްދިޔަ ބާލިން މެރަތަންގައި ވާދަކޮށް ތިން ގަޑިއިރާއި ދެ މިނެޓް 41 ސިކުންތުން ރޭސް ނިންމައި، މެރަތަންގެ ގައުމީ ރިކޯޑުވެސް މުގުރާލާފައެވެ. އެ ރިކޯޑު މީގެ ކުރިން އޮތީ 2019 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ރެކޯޑު ހެދި މަރިޔަމް އަބްދުލް ކަރީމުގެ އަތުގައެވެ. އެއީ ތިން ގަޑިއިރާ 21 މިނެޓް 54 ސިކުންތުން ރޭސް ނިންމައިގެންނެވެ.