ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ކުލަބު އީގަލްސް އާއި ކުލަބު ވެމްކޯ މޮޅުވެއްޖެއެވެ.
ގައުމީ އަންހެން ވޮލީ މުބާރާތުގެ ކުޅުން ހޮނިހިރު ދުވަހުގެ ހަވީރު ފެށިއިރު، މި މުބާރާތަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ފަހުކޮޅު ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ މުބާރާތް ފެށުން ލަސްވީއެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ވެމްކޯ އާއި، އެ މުބާރާތުގެ ރަނަރަޕް ޕޮލިސް ކުލަބާއި، އެސޯސިއޭޝަން ކަޕުގެ ތިންވަނަ ހޯދި އީގަލްސް ގެ އިތުރުން ކުލަބު ވޮލީބޯލްއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު އީގަލްސް ނުކުތީ ކުލަބު ވޮލީބޯލްއާ ދެކޮޅަށެވެ. މި މެޗު އީގަލްސްއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހ 3-2 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު އީގަލްސްއިން ގެންދިޔައީ 27-25 އަދި 27-25 އިންނެވެ. އެކަމަކު ކުލަބު ވޮލީބޯލްއިން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ދެ ސެޓު 22-25 އަދި 16-25 އިން ގެންގޮސް އެއްވަރުކޮށްފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 15-9 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްއަށް ކުޅޭ ކޮލަމްބިއާގެ މަނުއެލާ ސިއޭރާއެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވެމްކޯ އާއި ޕޮލިހެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް އަތުން ވެމްކޯ މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-17، 25-23 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯ ޓީމުގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.
މި މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ބޖާގަ ލިބޭނީ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، އެ މެޗުން މޮޅުވާ ޓީމަކަށެވެ.