އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެވަޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމްއިންނެވެ. މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ވެސްޓް ހޭމްއަށް ލީޑު ނަގާދިނީ ޖެރޮޑް ބޮވެންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ހަތަރު މިނެޓް ކުރިން ވެސްޓް ހޭމްގެ ދެވަނަ ލަނޑު ޖަހާދިނީވެސް ބޮވެންއެވެ.
މިއީ ވޭތުވެދިޔަ ތިން މަސްތެރޭ ވެސްޓް ހޭމްއަށް ލީގު މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އަދި މިއާއެކު އެވަޓަންގެ ކޯޗް ފްރޭންކް ލެމްޕާޑަށް އޮތް ޕްރެޝަރު މިވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. އަދި މިމެޗުން ބަލިވިނަމަ ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއެސްގެ މަގާމް ގެއްލޭނެކަމަށް ކުރިން އޮތީ އަޑުފެތުރިގެން ގޮސްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މޮއެސް ހާމަކުރިގޮތުގައި މިމެޗުން ކޮންމެ ނަތީޖާއެއް ނުކިތް ނަމަވެސް ކްލަބްގެ ބޯޑުން އޭނާއަށް ފުރިހަމައަށް ތާއީދު ކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ބޯޑުން މިވަގުތު ޓީމަށް ބަދަލުތަކެއް ގެއްނަން ބޭނުން ނުވާކަމަށާއި ބޯޑުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ.
މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރު އުޅެނީ 20 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. އަދި ވޭތިވެދިޔަ މެޗުންވެސް މޮޅެއް ހޯދިފަ ނުވާ އެވަޓަން މިހާރު އުޅެނީ ކުޅުނު 20 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.