ކުޅިވަރު

ލެސްޓާ އާއި ބްރައިޓަންގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ބްރައިޓަންއަށް ޖަހާދިނީ ކައުރޯ މިޓޯމާއެވެ. އެކަމަކު މެޗްގެ 38 ވަނަ މިނެޓްގައި މާރކް އޯލްބަރައިޓަން ވަނީ ލެސްޓާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މިމެޗްގައި ލެސްޓަރއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ހަރވީ ބާރންސްއެވެ. މިލަނޑާއެކު ލެސްޓަރ މިމެޗުން މޮޅުވާން ދަނިކޮށް މެޗް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް މެޗްގެ ބްރައިޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒުވާޏް ކުޅުންތެރިޔާ އިވާން ފަރގަސަންއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒާބީ ހާމަކުރިގޮތުގައި މިމެޗުން އޭނާގެ ޓީމް މޮޅުވުން ހައްގު ކަމަށެވެ. އަދި އޭނާ ކުޅުންތެރިން މިމެޗްގައި ރަނގަޅު ކުޅުމެއް ދެއްކި ކަންވެސް ހާމަކުރިއެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު ބްރައިޓަން މިހާރުވަނީ ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 19 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އަދި ލެސްޓަރ ވަނީ މިޕޮއިންޓާއެކު ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ.