ކުޅިވަރު

އައި އެންޑް ޓީ ކަޕް: ޗެމްޕިއަންކަން ލަކުޑި އާއި ނެރިޝް އުފާއަށް


މަހިބަދޫ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން އެ ރަށުގައި ފޯރިއާއެކު ބޭއްވި "އައި އެންޑް ޓީ ކަޕް 2023" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެއް ދުވަހަށް ބޭއްވި މި މުބާރާތް ކުރިޔަށްދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ ޑިވިޝަން އަދި ސީނިއާ ޑިވިޝަން އެވެ.

ޖޫނިއާ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ނެރިޝް އުފާ އެސްއެސް އެފްސީއެވެ. ޖުމްލަ 11 ޓީމު ވާދަކުރި ޖޫނިއާ ބައިގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ ފައިނަލުގައި މުރަކަ އެސްއެސް އެފްސީ އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންނެވެ.

އެއަށްފަހު ބޭއްވީ މުބާރާތުގެ ސީނިއާ ބައިގެ ފައިނަލް މެޗެވެ. ޖުމްލަ 40 އަށްވުރެ ގިނަ ޓީމު ވާދަކުރި މި ބައިގެ ފައިނަލުގައި ބައްދަލުކުރީ ލަކުޑި އަދި ޒެނޮން ސްޕޯޓްސްއެވެ. ޗެމްޕިއަންކަން ލަކުޑި ހޯދީ ފަސޭހަކަމާއެކު 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ސީނިއާ ބައިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަކުޑި ޓީމުގެ އިބްރާހީމް ސިމާހެވެ. އަދި ޖޫނިއާ ބައިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ނެރިޝް އުފާ ޓީމުގެ ހުސެއިން ޝަދުވާން ސައީދެވެ. މީގެ އިތުރުން ދެ ބައިން އެންމެ މޮޅު ކުޅުންތެރިންނާއެކު ވަނީ ޑްރީމް ޓީމެއް އެކުލަވާލާފައެވެ.

އައި އެންޑް ޓީ މި ނަން ދީފައިވަނީ މަހިބަދޫއަށް ނިސްބަތްވާ ރާއްޖޭގެ ފުޓުބޯޅައިގެ ކުރީގެ ވަރުގަދަ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ތޯރިގު (ޓޮމް) އަދި ކީޕަރު އިމްރާން މުހައްމަދު އަށް ނިސްބަތްކޮށެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވީ 2020 ގައެވެ. އޭގެފަހުން ކޮވިޑުގެ ހާލަތާއި ގުޅިގެން ދެ އަހަރަށްފަހު މިއަހަރު ބޭއްވި 12 ވަނަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.