ޚަބަރު

މިދިޔަމަހު ރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި


މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 2021 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެއެވެ.

2021 ވަނަ އަހަރުގެ ޑިސެންބަރ މަހު ރާއްޖެއަށް އެެތެރެކުރި މުދަލުގެ އަގަކީ 4.4 ބިލިއަން ރުފިޔާއެވެ. މިދިޔަ ޑިސެންބަރ މަހު މި ޢަދަދުވަނީ 5.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ފަރަންސޭސިވިލާތް، އޮމާން، އިންޑިއާ، ސިންގަޕޫރު އަދި ޗައިނާއެވެ. ފަރަންސޭސިވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2021ވަނަ އަހަރުގެ ޑިސެންބަރުމަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 299 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 35 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 66 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި 7 އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 5 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔައަހަރުގެ ޑިސެންބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެންބަރމަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 123 އުޅަނދެއް ރާއްޖެ އައިސްފައިވެއެވެ. އަދި 115 އުޅަނދެއް ފުރާފައިވެއެވެ.