"ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން އިފްތިތާހުކޮށްފިއެވެ.
މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޙިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި ކޮންމެ މަހަކަށް ޚާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި، ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބެއެވެ.
ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތަޢާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު މަލެއް ދައްކުވައިދެއެވެ. މި ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސަފްޙާގައި ފެންނާނީ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ޚާއްސަކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ އެއްވެސް ލިބޭނެއެވެ.
ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފައެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއްވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެއެވެ.
ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތް އުރީދޫ ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން - ޒުވާން ދަނޑުވެރިޔާ ހަމަޖައްސާ އެކަން އިޢުލާންކޮށްފައެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަންޑުވެރިޔާ އާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަންވެސް އުރީދޫއިން ހާމަކުރެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ، އުރީދޫ ކަލަންޑަރު 2023 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއް ކަމަށެވެ. އަދި މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަޞައްވުރު ކޮށްލެވޭނެކަމަށެވެ.
"ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކޮންމެ މަހަކަށް ޚާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި، ގަސް އިންދާނެ ޕޮޓުވެސް ވާނީ ހިމަނާފައި. މި ކަލަންޑަރުގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއާއެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން ކެމްޕެއިން އެމްބެސެޑަރ، ޒުވާން ދަނޑުވެރިޔާ އާއެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް އުރީދޫން ހާމަކުރެއެވެ.