 
										
			ރާއްޖޭގެ ގިނަ ރަށްތެކެކޭ އެއްފަދައިން ރ. ކިނޮޅަހަކީވެސް ލަފާފުރުމުގެ ދަތިންކަން ކުރިމަތިވެފައިވާ ރަށެކެވެ. މިކަމަށް ހައްލެއް ގެނެސް، ރަށުގައި ޒަމާނީ ބަނދަރެއް ހެދުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢު މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ. 
ކިނޮޅޮހުގައި ކުރިން އޮތް ބަނދަރަށް ވެލިވަދެ ނެރު ބެދޭ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ 84 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. 
ކިނޮޅޮހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ ފެބްރުއަރީގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑާއި ފެންވަރާމެދުވެސް ރައްޔިތުން ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 
		
 
										 
										
			ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. ބޭރު ތޮށީގެ ގޮތުގައި 65 މީޓަރުގެ ސަރަހައްދެއްގައި ޖަހާ ރިވެޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. 
ބޭރު ތޮށީގެ މި މަސައްކަތުން ނުނިމެނީ 2 ފައިކަށި ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން އަލަށް ހަދާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިމިފައެވެ. 
އެހެންނަމަވެސް ކުރީ ބަނދަރާއި މިހާރު ހެދި ބަނދަރާ ގުޅޭ ސަރަޙައްދުގައި އަދި ކެޕިންބީމް ނައަޅައެވެ. އެއީ ކުރިން ހަދާފައި އޮތް ބަނދަރުގެ އެއްގަމު ތޮށި މިހާރު ހެދި ބަނދަރުގެ އެއްގަމު ތޮށްޓަށް ވުރެ އުސްވުމުން ކުރިން ހަދާފައި އޮތް ބަނދަރު މިހާރު ހަދަމުންދާ ބަނދަރާ އެއް ލެވަލްއަކަށް ގެނައުމުގެ ގޮތުންނެވެ. އެކަމުގެ ހުއްދަ ޕްލޭނިންގ މިނިސްޓްރީން ވަނީ އެމްޓީސީސީއަށާ ކައުންސިލަށް ދީފައެވެ.
		
 
										 
										
			މިހާރު އެންމެ ކުރަމުންދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް ބޮޑުބައެއް ނިންމާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
1663 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާއިރު، އައު ނެރު ކަނޑާ، ނެރުބައްތި ހަރުކޮށްވަނީ ނިންމާފައެވެ. ބަނދަރު ބައްތި އައު ރޭމްޕްއެއް ހެދުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ކިނޮޅޮހު ބަނދަރަށް ދިމާވި އެންމެ ބޮޑުއެއް މައްސަލަ މިހާރުވަނީ ހައްލުކޮށްފައެވެ. އެއީ އެރަށު ބަނދަރަށް ކުރިން ވަދެނުކުތުމަށް އޮންނަ ނެރު ބައްދާ އާ ނެރެއް ކެނޑުމެވެ. ކުރިން އޮތް ނެރުގެ ސަބަބުން އަހަރަކު ދެ ފަހަރު ކަހަލަ ގޮތަކަށް ފަޅުތެރެއަށް ވެލިވަދެ ނެރުމަތި ތިލަވެ، ދިޔަވަރު ހިކޭ ވަގުތުތަކުގައި ބޮޑެތި އުޅަނދުތައް ބީހޭކަމަށް އެރަށު މީހުން ބުނެއެވެ. އެހެން އެކަން ދިމާވަމުންގޮސް 2020 ވަނަ އަހަރު އެރަށު ނެރުއެއްކޮށް ބެދި ރަށުން ބޭރުނުވެވިފައި ހަފްތާއެއްހާ ދުވަހު އެރަށު މީހުން ތިބެންޖެހުނެވެ.