އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާގެ ސަފީރު ފިލިޕޯ ގްރެންޑީ ޔޫކްރެއިނަށް ޒިޔާރަތްކުރައްވައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވައިފިއެވެ. ގްރެންޑީގެ މި ދަތުރުފުޅަކީ، ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ރެފިޔުޖީންނަށް ވެފައިވާ މީހުންގެ ހާލަތު ދެނެގަތުމަށް ކުރެއްވި ޒިޔާރަތެކެވެ. މިއީ، މީގެ 11 މަސް ކުރިން ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އޭނާ އެ ޤައުމަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.
ގްރެންޑީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޒެލެންސްކީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ މައްސަލައަކީ، ރަޝިޔާއިން ގަދަކަމުން އެ ޤައުމަށް ގެންގޮސްފައިވާ ޔޫކްރެއިނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމުގެ މައްސަލައެވެ. ޔޫކްރެއިނުގެ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ހާސް ޢާންމުންނާއި ކުޑަކުދިންނެއް ރަޝިޔާގެ ސަރަޙައްދުތަކަށް ގަދަބާރުން ގެންގޮސްފައިވާ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.
މީގެ ތެރެއިން ގިނަ މީހުން ބަދަލުކޮށްފައި ވަނީ ޔޫކްރެއިނާ އެތަކެއް ހާސް ކިލޯމީޓަރެއް ދުރުގައިވާ ރަޝިޔާގެ ރަށްފުށުގެ ސަރަޙައްދުތަކަށެވެ. އެ މީހުން ގެންގޮސްފައި ވަނީ ގަދަބާރުން ކަމަށް ޔޫކްރެއިނުން ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ. ބުނީ، އެ މީހުން ރަޝިޔާއަށް ގެންގޮސްފައި ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ ގޮތުން ކަމުގައެވެ. އަދި، އެ މީހުންގެ ހައްޤުތައް ކަށަވަރުކޮށްދެމުންދާ ކަމުގައި ވެސް ރަޝިޔާއިން ބުނެއެވެ.
"ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ އެތަކެއް ހާސް ޢާންމުންނާއި ކުޑަކުދިން ގަދަބާރުން އެ ޤައުމުގެ ސަރަޙައްދުތަކަށް ޑީޕޯޓްކޮށްފައި. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭ. އެ މީހުން ރައްކާތެރިކަމާ އެކު އަނބުރާ ގެނެވޭނެ ގޮތްތަކެއް ހޯދަން ޔޫ.އެން.އެޗް.ސީ.އާރް.އާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން. މި ކަމުގައި އ.ދ.ގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރަން،" ޒެލެންސްކީ ވިދާޅުވިއެވެ.
މި ގޮތަށް ޔޫކްރެއިނުގެ ރައްޔިތުން، އެ މީހުންގެ ނުރުހުމުގައި ގަދަބާރުން ރަޝިޔާއަށް ގެންދިޔުމަކީ ގަތުލުއާންމެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރައްވައެވެ. އަދި، އެ މީހުންގެ ނުރުހުމުގައި، އެ މީހުންނަކީ ރަޝިޔާގެ ރައްޔިތުންގެ ގޮތުގައި ކަނޑައަޅަމުންދާ ކަމުގައި ވެސް ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ. މިއީ، ރަޝިޔާގެ ދައުލަތުން ހިންގާ ރަހީނުކުރުމުގެ އަމަލެއްގެ ގޮތުގައި ވެސް ޔޫކްރެއިނުން ދެކެއެވެ.
ގްރެންޑީގެ ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ހަ ރަށަކަށް ޒިޔާރަތްކުރެއްވިއެވެ. މީގެ ތެރޭގައި ޑްނިޕްރޯ ހިމެނެއެވެ. އޭނާ ވަނީ، ރަޝިޔާއިން ދާދިފަހުން ދިން މިސައިލް ހަމަލާތަކެއްގައި ސުންނާފަތިކޮށްލާފައިވާ ޑްނިޕްރޯގެ ޢިމާރާތްތައް ބައްލަވައިލައްވާފައެވެ. އެއް ޢިމާރާތަށް ރަޝިޔާއިން ދިން ހަމަލާއެއްގައި ޢާންމުންގެ 46 މީހުން މަރުވިއެވެ.
"އެކި ޤައުމުތަކުގެ ހަނގުރާމައިގެ މައިދާންތައް އަހަރެން ދެކެފިން. ނަމަވެސް، ޢިމާރާތެއް ސުންނާފަތިކޮށްލާ، ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކާއި، ކުޑަކުދިންތަކެއް މަރައިލާފައިވާ ތަނަކަށް ދެވި، އެ ތަން ބަލައިލުމުން، އަހަރެން މިހުރީ ހައިރާންވެ ބަސް ހުއްޓިފައި،" ޑްނިޕްރޯއަށް ކުރި ޒިޔާރަތަށް ފަހު ގްރެންޑީ ވިދާޅުވިއެވެ.
ރަޝިޔާއިން ސިފައިން ޔޫކްރެއިނަށް ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ ކުޑަކުދިންގެ ޢަދަދު 459 އަށް އަރާ ކަމުގައި ޔޫކްރެއިނުގެ އިދާރާތަކުން ބުނެއެވެ. އަދި، 916 އަށްވުރެ ގިނަ ކުޑަކުދިން ޒަޚަމުވެފައިވާ ކަމުގައި ވެސް އިދާރާތަކުން ބުނެއެވެ.