ޚަބަރު

މޮނާކޯ އަތުން ޕީއެސްޖީ ބަލިވެ ތާވަލްގެ 12 ވަނައިގައި


  • މިމެޗު މޮނާކޯ ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 1 ލަނޑުން

ފްރެންޗް ލީގު އާން ގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން، އޭއެސް މޮނާކޯ އަތުން ބަލިވެ ތާވަލްގެ 12 ވަނައަށް ވެއްޓިއްޖެއެވެ.

ލީގު އާންގެ އާ ސީޒަންގައި މިހާތަނަށް ޕީއެސްޖީއިން ތިން މެޗު ކުޅުނު އިރު އަދި މެޗަކުން މޮޅުވެފައެއް ނުވެއެވެ. ޕީއެސްޖީގެ ޕަކް ޑި ޕްރިންސްގައި ކުޅުނު މިމެޗު މޮނާކޯއިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މިގޮތުން އެޓީމުން 21 ހަމަލާ އުފައްދާފައިވެއެވެ. މިމެޗު ފެށުމުގެ ކުރިން ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސްވަނީ އެސްޓަން ވިލާ އާއި ވާދަކޮށް އެޓީމުން ކާމިޔާބު ކުރި ޔުއޭފާ ސުޕަރ ކަޕްގެ ތަށި ސަޕޯޓަރުންނަށް ދައްކާލައިފައެވެ. އަދި ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ ވިލިއަމް ޕާޗޯ، ޖާއޮ ނެވޭސް، ފަބިއަން ރުއިޒް، ސެނީ މަޔޫލޫ އަދި ބެރަލްޑޯ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން އާކުރިކަންވެސް ހާމަކޮށްފައިވެއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. މިލަނޑު ހަވީޗާ ކުވަރަޓްސްހޭލިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ މާކީނިއޯސްއެވެ. މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުވެސް ޕީއެސްޖިއިން ރަނގަޅަށް ކުޅުނު ނަމަވެސް މިމެޗުގައި ގިނަ ވަގުތު ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ މޮނާކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައި ޖޯޑަން ޓެޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްލާވިއޯ ނަޒީނިއޯ ޖަހައިދިން ލަނޑުންނެވެ. މިމެޗުގައި މޮނާކޯއިން ލީޑު ނަގާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައި ސްޓަނިސް އިޑުމްބޯ ޖަހައިދިން ލަނޑުންނެވެ. މިމެޗުގައި ޕީއެސްޖީއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް މިމެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީ އާއެކު މޮނާކޯ މިވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ތިން މެޗު ކުޅުނު އިރު މެޗަކުން މޮޅުނުވާ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އުޅެނީ 2 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.

މިމުބާރާތުގައި ތާވަލްގެ ދެވަނައިގާ އުޅޭ ލިއޯން އާއި އޮޒެއާ ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަަނީ ލިއޯން އެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ލިއޯންއިންނެވެ. މިލަނޑު އެޓީމަށް މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފީލިކްސް ބަޗަރއެވެ. އަދި މިލަނޑު ޖެހިތާ 3 މިނެޓް ފަހުން ލިއޯންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒަކާރީ އަތެކާމޭ އެވެ. މިމެޗުގައި އޮޒެއާ އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ކެމެރޮން އާޗަރއެވެ. އަދި ލިއޯންގެ ފަހު ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާނެސްޓް ނުއެމާއެވެ.

މިކާމިޔާބީ އާއެކު ލިއޯން މިޙާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އޮޒެއާ އުޅެނީ ތިން މެޗުން ޕޮއިންޓެއް ނުލިބި 18 ޓީމު ހިމެނޭ މިލީގުގެ އެންމެ ފުލުގައެވެ.