އިލެކްޓްރިކް ވެހިކަލް، އީވީ އުފެއްދުމުގެ ކެޕިޓަލް ޚަރަދަށް 2030 ވަނަ އަހަރުގެ ނިޔަލަށް 4.5 ޓްރިލިއަން ޔެން ނުވަތަ 34.8 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް ސުޒުކީ މޮޓޯ އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ސުޒުކީއިން މިކަން އިއުލާން ކޮށްފައިވަނީ ޖަޕާނުގެ އެހެން އޮޓޯ އުފައްދާ ކުންފުނިތަކުންވެސް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބެޓެރީ އީވީ މާކެޓުގައި ޔޫރަޕާއި އެމެރިކާގެ ވާދަވެރިންނާ އެއްވަރަށް ކުރިއަށް ދިއުމަށް މިފަދަ ލަނޑުދަނޑިތަކެއް ތައާރަފް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމްޕެކްޓް "ކޭއި" ކާރު އުފެއްދުމަށް މަޝްހޫރު ޖަޕާނުގެ ސުޒުކީ އިން ބުނީ ކަރަންޓާއި އޮޓޮނޮމިކް ޑްރައިވިން ޓެކްނޮލޮޖީތަކަށް 2 ޓްރިލިއަން ޔެން އިންވެސްޓްކުރާނެ ކަމަށާއި ބެޓެރީ އީވީ އުފައްދާ ކާރުހާނާއެއް އެޅުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް 2.5 ޓްރިލިއަން ޔެން ދޫކުރާނެ ކަމަށެވެ.
ސުޒުކީ އިން ބުނީ ކުދި ސްޕޯޓް ޔުޓިލިޓީ ވެހިކަލްތަކާއި މައިކްރޯ "ކޭއި" ކާރުތައް ހިމެނޭ ގޮތަށް ބެޓެރީ އީވީ ޖަޕާނުގައި 2023 ވަނަ އަހަރު ތައާރަފްކުރާނެ ކަމަށެވެ.
ސުޒުކީން ރާވާފައިވަނީ ޔޫރަޕާއި އިންޑިއާގައި ބެޓެރީ އީވީ ތައާރަފްކުރުމަށާއި، ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ބެޓެރީ އިލެކްޓްރިކް މޮޓޯސައިކަލްތައް ޖެހިގެން އަންނަ އަހަރު ތައާރަފްކުރުމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކާރު އުފައްދާ ބޮޑު ކުންފުނި ޓޮޔޯޓޯ މޮޓޯ ކޯޕަރޭޝަނާއިއެކި އިންޑިއާގައި ކުރިއަރަމުން އަންނަ އީވީ މާކެޓުގެ ބޮޑު ހިއްސާއެއް ހޯދުމެވެ.