ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފިލިޕީންސްގެ އިޤްތިޞާދީ ދުވެލި %7.2 ކުރިއަރައިފި


މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފިލިޕީންސްގެ އިޤްތިޞާދީ ދުވެލި %7.2 ކުރިއަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިލިޕީންސްގެ މިދިޔަ އަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވީ ނަމަވެސް ދުނިޔޭގެ އިގްތިސާދީ ދުވެލި ހީނަރުވެ އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ކުރިއަށް އޮތް އަހަރު އެ ގައުމަށް އިގްތިސާދީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުންނާއި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފިލިޕީންސްގެ އިޤްތިސާދީ ދުވެލި ހަލުއިވެފައި ވަނީ %7.2 އަށް ކަމަށް މެނީލާގައި ހުންނަ ފިލިޕީންސްގެ ތަފާސްހިސާބުތަކާއި ބެހޭ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މީގެކުރިން ލަފާކޮށްފައިވާ %6.5 އަށް ވުރެ މަތީ އަދަދެކެވެ. މިއާއެކު މުޅި މިދިޔަ އަހަރު ޖުމްލަ ގޮތެއްގައި ފިލިޕީންސްގެ އިގްތިސާދީ ދުވެލި ހަލުއި ވެފައި ވަނީ %7.6 އަށެވެ.

މިއީ 1976 ވަނަ އަހަރުގެ ފަހުން އެގައުމުގެ އިގްތިސާދީ ދުވެލި މިހާ ބާރު މިނެއްގައި ކުރިއެރި ފުރަތަމަ ފަހަރެވެ.

ފަހު ކުއާޓަރުގައި އިގްތިސާދީ ދުވެލި ހަލުއި ވެފައިވަނީ އެ ގައުމުގެ އެތެރޭގެ ޑިމާންޑު މައްޗަށް ގޮސް، ވަޒީފާތައް އިތުރުވެ، ކޯވިޑުގެ ބަލިމަޑުކަމަށްފަހު މުޅި ގައުމު މި ކުއާޓަރުގައި ހުޅުވާލުމާއި އެކު އާންމުން ހަރަދު ކުރުން އިތުރު ވުމުން ކަމަށް ފިލިޕީންސްގެ އިކޮނޮމިކް ޕްލޭނިންގ މިނިސްޓްރީގެ ސެކްރެޓަރީ އާސީނިއޯ ބަލިސަކަން ވިދާޅުވިއެވެ.

"އިގްތިސާދީ ދުވެލި ހަލުއިވުން ދެމިއޮންނާނެ ކަމާއި މެދު އަހަރުމެންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް،" މިއަދު އޮތް މީޑިއާ ބައްދަލުވުމެއްގައި ބަލިސަކަން ވިދާޅުވިއެވެ.

ޗައިނާ ހުޅުވާލުމާއިއެކު ފިލިޕީންސްގެ އިގްތިސާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށާއި އިންފްލޭޝަން މަތީ ދުވަސްވަރެއްގައި ސަރުކާރުގެ މައިގަނޑު އަމާޒުތަކަކީ އަގުތައް ހިފެހެއްޓުމަށާއި ކާބޯތަކެތީގެ ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަން އާންމުންނަށް ކަށަވަރު ކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އިގްތިސާދީ ދުވެލި ވެސް ހުންނާނީ %6 އާއި %7 އާއި ދޭތެރޭ ކަމަށާއި ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއެކު މިއަމާޒަށް ވާސިލުވުމަށް ގޮންޖެހުންތަކެއް ހުންނާނެކަމަށް ބަލިސަކަން ފާހަގަ ކުރެއްވިއެވެ.

ޑިސެމްބަރު މަހު %8.1 އަށް އަރާފައިވާ މިއަހަރުގެ އިންފްލޭޝަން %2-4 ގެ އަމާޒަށް އަނބުރާ ގެންދިއުމަށްޓަކައި، ފުރަތަމަ ކުއާޓަރުގައި އިންޓަރެސްޓު ރޭޓު އިތުރަށް ހަރުކަށި ކުރުމުގެ އިޝާރާތެއް އެގައުމުގެ ގަވަރުނަރު ވަނީ ދީފައެވެ.