ކުޅިވަރު

ކުލަބު ވޮލީބޯލް ބަލިކޮށް ވެމްކޯ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތް ކާމިޔާބުކޮށްފި


ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ވޮލީބޯލް ބަލިކޮށް ކުލަބު ވެމްކޯއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ޓީމަކީވެސް ވެމްކޯއެވެ. ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާ މާލީގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ކުލަބް ވޮލީބޯލް ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ މި ސެޓު ވެމްކޯއިން ފަސޭހަކަމާއެކު 25-11 އިން ކާމިޔާބުކުރުމެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެން ކުލަބް ވޮލީބޯލް އިން ލީޑުގައި އޮވެ ކުޅުނުއިރު، މި ސެޓުގެ މެދުތެރެއިން ވެމްކޯއިން ވަނީ 12-12 އިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެކަމަކު ވެމްކޯ ކުޅުންތެރިންނަށް ކައިރިކައިރީ ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ލީޑުކޮށް ކުލަބް ވޮލީބޯލްއިން ވަނީ 25-22 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ކުލަބް ވޮލީބޯލްގެ ބިދޭސީ ކުޅުންތެރިޔާ ޓަނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ނަރީމާ އިދުރީސް (ނަންނި) އާއި ޝަމްހާ ރިޔާޒް (ޝަމްކޮ)ގެ އިތުރުން ޝާނިޔާ އަޙްމަދު ނިޒާމްގެ ކުޅުން ފާހަގަވިއެވެ.

މެޗުގެ ތިންވަނަ ސެޓުގައި ފެނިގެންދިޔައީ ވެމްކޯ ކުޅުންތެރިންގެ ތަޖުރިބާއެވެ. އަދި މި ސެޓުގައި ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާގެ އެޓޭކުތައް ފާހަގަވިއެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-19 އިންނެވެ،

މެޗުގެ ހަތަރުވަނަ ސެޓުގައި ކުލަބް ވޮލީބޯލް ޓީމުން ފެނިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގާ ވެމްކޯއިން ވަނީ 25-14 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ ބުނީ، މި މެޗަށް ވެމްކޯ ޓީމުން ނުކުތީ ލީގު ބުރުގައި ކުޅުނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް މެޗު ކާމިޔާބުކުރަން ކަމަށެވެ. އަދި އެކަން ކުޅުންތެރިން ކޮށްފި ކަމަށާއި، މިއީ ކުޅުންތެރިންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

މެޗުން ބަލިވި ނަމަވެސް ކުލަބް ވޮލީބޯލް ޓީމުގެ ކޯޗު ސޮފްއާން އަޙްމަދު ހުރީ ކުޅުންތެރިންގެ މަސައްކަތައް ހިތްހަމަ ޖެހިފައެވެ. ސޮފްވާން ބުނީ މި މެޗުގައި ކުލަބް ވޮލީބޯލް ޓީމުގެ އަސްލު ކުޅުން ނުފެނުނީ އަނިޔާގެ މައްސަލަ ޓީމުގައި ހުރުމުން ކަމަށެވެ.