ޚަބަރު

ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމަށް ހުރި ފުރުސަތުތައް އެސްޓީއޯއިން ބަލަނީ


ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

އެސްޓީއޯއިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވަނީ ކުންފުނީގެ ބޯޑުން ނިންމާފައިވާ މުހިންމު ކަންތައްތައް ހިމަނާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ބޯޑަށް ހުށަހެޅުނު ކައްކާ ލޮނު އުފެއްދުމާއި ގުޅޭ ދިރާސާއެވެ. އެސްޓީއޯގެ ބޯޑުންވަނީ މި ދިރާސާ ބަލައިގަނެ މި ދާއިރާއިން ހުރި ފުރުސަތުތައް ބެލުމަށް ނިންމާފައެވެ.

މީގެއިތުރުން ބޯޑުންވަނީ ކާޑެއްދޫ އާއި ކައްދޫ އެއަރޕޯޓުގެ ޖެޓް ފިއުލް ފެސިލިޓީތައް އަޕްގްރޭޑުކުރުމުގެ މަޝްރޫޢުވެސް ފާސްކޮށްފައެވެ. ބޯޑުން ދެން ފާސްކޮށްފައިވާ ފާހަގަކޮށްލެވޭ އެއް ކަމަކީ ތިލަފުށިން ބަނދަރެއް ހޯދުމަށް ނިންމުމެވެ.

އެސްޓީއޯއިން އަބަދުވެސް ބުނަމުންދަނީ އެކުންފުނީގެ އަމާޒަކީ އައު އަދި ބޮޑެތި ކަންތައްތަކަށް އިންވެސްޓުކޮށް، އާއްމުން ނުކުރާ ވިޔަފާރި ކުރުން ކަމަށެވެ. އެގޮތުން އެސްޓީއޯއިން މިހާރު ތައްޔާރުވަމުންދަނީ ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭނެ ފަދަ ފިހާރައެއް ހުޅުވުމަށެވެ. މިއީ ރާއްޖޭގައިވެސް މިފަދަ ފިހާރައެއް ހުޅުވާ ފުރަތަމަ ފަހަރެވެ. މިފިހާރަ ހުޅުވާނީ އަންނަ މަހުގެ ފަހު ކޮޅު ހުޅުމާލޭގައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.

އެސްޓީއޯއަށްވަނީ މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީޚުގައިވެސް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައިއެވެ. އެގޮތުން، 2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %52.6 އިތުރު އަދަދެކެވެ.