މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު (އެމްޔޫއެސްސީ) ގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަންމަތީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ޖުމްލަ 17 ޓީމާއެކު ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ކަންމަތި ހޯދީ ފައިނަލުގައި އައްޔަނި އެފްސީ 3-2 އިން ބަލިކޮށްގެންނެވެ.
ފައިނަލް މެޗުގައި ކަންމަތި ޓީމުގެ ލަނޑުތައް ޖަހައިދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަލީ ހާފިޒް (ހާއްޕެ) އާއި ނާއިޒް ހަސަން (ދާދު)އެވެ. ކަންމަތީގެ ހާއްޕެ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. އައްޔަނި އެފްސީން ގޯލް ޖެހީ މުހައްމަދު ސާދު ނިޒާރާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ސްކޮޑްރާ ސްޕޯޓްސް ކްލަބުގެ މުހައްމަދު ވިލްފް ހޮވުނުއިރު، އެންމެ މޮޅު ފަސް ކުޅުންތެރިން ވަނީ ހޮވާފައިވެއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން އައްޔަނި އެފްސީ އިސްމާއީލް ފާތިހު (ތާޑޭ) އަހުމަދު ބައްސާމް މުހައްމަދު ނައީމް، ރޭމްޕޭޖު ޓީމުގެ އަބްދުﷲ ޝައްފާން (ޝާކާ) އާއި ކަންމަތި އެސްސީގެ އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން ލ. ގަން ފުޓްސަލް ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އެވެ.