ކުޅިވަރު

އާސެނަލް ބަލިކޮށް ސިޓީ ފަސްވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފަސްވަނަ ބުރުން ސިޓީ ޖާގަ ހޯދީ ރޭ ކުޅުނު ހަތަރުވަނަ ބުރުގައި އާސެނަލް އާއި ވާދަކޮށް 1-0 އިން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ދެޓީމުންވެސް ބައެއް ބަދަލުތަކާއެކު ޓީމް ނެރުނު ނަމަވެސް މިމެޗްގައި މިދެޓީމުންވެސް ނެރެފައިވަނީ ކަޕް މެޗަކާއި ބަލާފައި ވަރަށް ވަރުގަދަ ދެ ޓީމެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގެ އެންމެ ކުރީގައި އުޅޭ ދެޓީމް ކަމުން މި ކުރިމަތިލުމާއި ގުޅިގެން މެޗްގެ ކުރިންވަނީ ގިނަ ވާހަކަތަކެއް ދެކެވިގެންވެސް ގޮސްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް މިހާފްގައި އާސެނަލްއިން ތަނަވަސްކުރިއެވެ. ނަމަވެސް މިދެހަމަލާވެސް ވަނީ ސިޓީގެ ގޯލް މިމެޗްގައި ބަލަހައްޓަމުންދިޔަ ސްޓެފަން އޮރްޓޭގާ ދިފާއުކޮށްފައެވެ.

މެޗްގެ ހަމައެކަނި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާފައިވަނީ ސިޓީގެ ޑިފެންޑަރ ނޭތަން އާކޭއެވެ. މި މެޗްގައި އާސެނަލްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ދެޓީމްގެ މެދުގައި މާބޮޑު ތަފާތެއް މިމެޗްގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ލީގުގައި މިސީޒަންގައި އަދި މިދެޓީމް ބައްދަލުކޮށްފައި ނުވުމުން އިތުރު ދެ ފަހަރު މިދެޓީމްގެ ކުރިމަތިލުން ފެނިގެންދާނެއެވެ. މިގޮތުން ލީގުގައި ފެނިގެންދާ ފުރަތަމަ ކުރިމަތިލުން އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މިމެޗްގެ ދެވަނަ ހާފްގައި އޭނާގެ ޓީމްގެ ކުޅުން ރަނގަޅު ކަމަށާއި ނަމަވެސް މިމެޗްގައި އާސެނަލްއަށް އައިސްފައިވާ ކުރިއެރުން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގިގެން ގޮސްފިކަމަށެވެ. ޕެޕް ކުރިން ހާމަކޮށްފައިވާގޮތުގައި މިފަހަރު ލީގު ކާމިޔާބު ކުރުމުގައި ސިޓީއަށް އެންމެ ބޮޑު ވާދަވެރިއަކަށް ވެގެންދާނީ އާސެނަލްއެވެ.

އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އޮތްކަމަށެވެ. މިގޮތުން އޭނާ ވަނީ އާސެނަލްއަށް މިމެޗްގައި ލަނޑު ޖަހަން ލިބުނު ފުރުސަތު ތައް ފާހަގަކޮށްފައެވެ. އަދި ސިޓީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.