2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް 16 ޓީމާއެކު އެމެރިކާގައި ބާއްވާގޮތައް ނިންމައިފިއެވެ.
މިއީ ކޮޕާ އެމެރިކާ ދެކުނު އެމެރިކާއިން ބޭރުގައި ބާއްވާ ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައިވި އެކުއެޑޯއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވަނީ އެމުބާރާތް އެޤައުމުގައި ބޭއްވެން ނެތްކަން ހާމަކޮށްފައެވެ.
އެންމެފަހުން 2021 ވަނަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ބްރެޒިލްގައެވެ. އަދި އެ މުބާރާތް ކާމިޔާބުކުރީ އާޖެންޓީނާއިންނެވެ. ދެކުނު އެމެރިކާއަށް ނިސްބަތްވާ 10 ޓީމްގެ މެދުގައި އާންމުކޮށް ކުޅޭ މިމުބާރާތުގައި 2024 ވަނަ އަހަރު އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރޭބިއަން ސަރަހައްދު ކަމަށްވާ ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ހަޓީމެއް ބައިވެރި ކުރުމަށް ނިންމާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހަޓީމް ހޮވުމަށް ނިންމާފައިވަނީ 2023-2024 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގު ކޮލިފައިންގ އިން ކޮލިފައިވެގެންނެވެ. މިނިންމުމާއެކު މިމުބާރާތް އެމެރިކާގައި ބޭއްވި ނަމަވެސް އެޓީމަށް ޖާގައެއް ކަށަވަރުކޮށް ލިބޭނެކަމެއް އަދި ނޭނގެއެވެ.
ކޮޕާ އެމެރިކާގެ 2016 ވަނަ އަހަރުގެ މުބާރާތްވެސް ބާއްވާފައިވަނީ އެމެރިކާގައެވެ. 2026 ވަނަ އަހަރުގެ ވާރލްޑް ކަޕްވެސް އެމެރިކާއިން އަންނަނީ ކެނެޑާ އާއި މެކްސިކޯ އާއި ގުޅިގެން އެކުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.